Last Updated: April 19, 21:43
Friday, April 19, 2024
ވިޔަފާރި

މިދިޔަ މަހު ލިބުނު އާމްދަނީ 30 ޕަސަންޓު ދަށަށް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މިދިޔަ ސެޕްޓެމްބަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީ 30 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.

މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ 834.04 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 30.9 ޕަސަންޓު މަދު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރެވިފައިވުމުން، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ، މީގެ ކުރީ އަހަރުގެ މި މުއްދަތާއި ބަލާއިރު މަދުކަމަށް މީރާއިން ފާހަގަކުރެއެވެ.

މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީ އިން ނަގާ ޓެކުހެވެ. މި ޓެކުހުން 385.57 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިން ނެވެ. ޖީއެސްޓީން އާމްދަނީގެ ގޮތުގައި 217.16 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ އަދި ރެސިޑެންޝަލް ޕަރމިޓްގެ ގޮތުގައި 21.06 މިލިއަން ރުފިޔާ ލިބުނުއިރު، މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 58.04 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 6.74 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.