Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ހޮޅި ވާހަކަ ނުދައްކަވާ، ރާއްޖެއެއް ނުހިފޭނެ!

ޑިފެންސް މިނިސްޓަރު މާރިޔާ ، އަވައްޓެރި އިންޑިޔާގެ ސިފައިންނާއި އެކު، އިންޑިއާ ބޭނުން ވެއްޖެނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި- ފޮޓޯ: މާރިޔާ އަހުމަދު ދީދީ

ކޮންމެވެސް ވަޒީރަކު ވިދާޅުވިކަމަށް ނޫސްތަކުގައި ލިޔެފައިވާތީ ދުށީމެވެ. މިވެނި ގައުމެއްގެ ބާރުދަށަށް ރާއްޖެ ގެންދަން ބޭނުންވާނަމަ ދިވެހިން މަރާފައިވެސް އެކަންކުރާނެއެވެ. މީގެ އަހަރެއްހައި ދުވަސްކުރިން ހަމަ މިމައްސަލައިގައި އެހެން ވަޒީރަކު ވިދާޅުވިކަމަށް ނޫސްތަކުގައި ލިޔެފައިވަނިކޮށް ފެނުނެވެ. އެވެނި ބަޔަކު މިރާއްޖެ ހިފާން ބޭނުމިއްޔާ އެއީ މާބޮޑު ތަކުލީފަކާނުލައި ވަރަށް ފަސޭހައިން ކުރެވިދާނޭ ކަމެކެވެ. ދިވެހިދައުލަތާއި ދިވެހީންގެ ގާނޫނުއަސާސީއަށާއި މިހެންގޮސް ދިވެހި ކޮންމެ އެއްޗަކަށް އިޚުލާސްތެރިވާން ބޮޑުހުވައިން ހުވައިކޮށްގެން ތިބި ބަޔަކު މިދައްކަނީ ކޮންޒާތެއްގެ ވާހަކައެއް ބާވައެވެ.

އަޅުގަޑުމެންގެ ނިކަމެތިކަމާއި ދެރަވަރުކަމާއި އެހެން މީހުންގެ ބާރުގަދަކަމާއި ވަރުގަދަކަން ބަޔާންކުރުން ބާވައެވެ. ހަގީގަތް ހާމަކުރުން ބާވައެވެ. ކޮންމެ ސަބަބަކާލައިގެން ބުނާ ވާހަކަޔަކަށްވިޔަސް އެއީ މުޅިން ހޮޅި ވާހަކައެކެވެ. ދިވެހިރާއްޖޭގެ ދިފާއުގައި ދިވެހީން ކަމަރު ބަނދެގެން ތިބިކަމަށް ވަނީވިއްޔާ އިންޑިޔާ އަކަށްވެސް ޗައިނާ އަކަށް ވެސް އެމެރިކާ އަކަށްވެސް އަދި ރޫސީންނަކަށްވެސް މިރާއްޖެއެއް ނުހިފޭނެއެވެ. ރާއްޖޭގެ ދިފާއަށް ބޭނުންވަނީ ހަމައެކަނި ބަޑިޔާއި ބޮމާއި މަނަވަރާއި މަތިންދާބޯޓޭ ހީކުރާނަމަ ދިވެހި ދައުލަތުގެ އެފަދަ މަތިވެރި މަގާމުތަކަށް އެބޭފުޅުން ކުފޫހަމައެއް ނުވެއެވެ.

އަޅުގަޑުމެން މިތިބީ ބައިނަލްއަގުވާމީ އެތަކެއް މުއާހަދާގައި ސޮއިކޮށް އޭގައި ބައިވެރިވެގެންނެވެ. އަޅުގަޑުމެން އިތުބާރުކުރަނީ ހަމަޔާއި އުސޫލުތަކަށެވެ. ގާނޫނާއި ގަވާއިދުތަކަށެވެ. އެހެންބަޔަކު އައިސް ދިވެހީން މަރައި މިރާއްޖެ ފޭރިގަންނާކަށް މިދެންނެވި އުސޫލުތަކާއި ގާނޫނުތައް ތަނެއް ނުދެއެވެ. މިއީ ކަންނަންނޫރު އަލީރާޖާގެ ޒަމާނެއް ނޫނެވެ. އަނދިރިއަނދިރީންގެ ޒަމާނެއްވެސް ނޫނެވެ. މިއީ އެކާވީސްވަނަ ސައްތައެވެ.

ލިޔެވި ބަޔާންވެފައިވާ ބައިނަލްއަގުވާމީ ދުސްތޫރަކަށް ތަބާވާން އެންމެނަށް ލާޒިމުކުރާ ޒަމާނެވެ. މިޒަމާނުގައި އެފަދަ ބޮޑުކަމެއް ކުރެވޭނީ ގާނޫނީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ސަބަބުތަކެއް ދެއްކިގެންނެވެ. ރާއްޖެއާ ދެކޮޅަށް ދެއްކޭނޭ އެބާވަތުގެ އެއްވެސް ސަބަބެއް ނޯންނާނެއެވެ.
ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި އިންޑިޔާގެ ބައެއް ނޫނެވެ. އިންޑިޔާގެ ގައުމިއްޔަތާއި ސަގާފަތުގެ ބައިކުޅަބައިވެސް ހިއްސާކުރި ގައުމެއް ނޫނެވެ. އަބަދުވެސް މިނިވަން މުސްތަގިއްލު ގައުމެކެވެ. އެހެންވީމާ މިރާއްޖެ ހިފަން އިންޑިޔާއަކަށްވެސް އަދި އެހެންބަޔަކަށްވެސް ދެއްކޭނޭ ހުއްޖަތެއް ނޯންނާނެއެވެ. އދ އާއި ދެންވެސް ހުރިއްޔާ ހުރި ޖަމިއްޔާ ޖަމާއަތްތަކުގައި އަޅުގަޑުމެން ބައިވެރިވެގެން މިތިބީ ދިފާއުގެ ފުރަތަމަ ސަފަކީ ބައިނަލްއަގުވާމީ ޗާޓަރުތައް ކަމަށް ބަލައިގެންނެވެ. މިއީ ނިއުކުލިއަރ ހަތިޔާރާއި ސަބްބެރީނާއި މިސައިލް ނެތަސް ކުރެވޭނެ ކަމެކެވެ. ކުރާނޭވެސް ކަމެކެވެ. މިކަމަށް ބޭނުންވަނީ ދިވެހީންގެ އެއްބައިވަންތަކަމާއި ގައުމިއްޔަތުގެ ރޫހެވެ. އެރޫހު އޮތީވިއްޔާ ފޫއަޅުވައިލެވޭނެ ހަތިޔާރެއް ނުހުންނާނެއެވެ.

އިންޑިޔާ އިން ރާއްޖެ ހިފަން ބޭނުމިއްޔާ ދިވެހިން މަރައިފައިވެސް އެކަންކުރާނެޔޭ ބުނުމެކޭ ދައުރު ހަމަވުމަށްފަހު އިންތިޚާބަކާ ނުލައި ވެރިކަމުގައި ދެމިހުންނަވާން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޭނުންފުޅިއްޔާ އިދިކޮޅު އެންމެން މަރައިފައިވެސް އެކަން ކުރައްވާނެޔޭ ބުނުމެކޭ އަޅުގަޑުގެ ނަޒަރުގައި ފަރަގެއް ނެތެވެ. ބާރުބޭނުންކޮށްގެން ކުރެވިދާނެ ކަމެކެވެ. ސިފައިންނާއި ފުލުހުންނާއި ހަތިޔާރުގެ އެހީގައި ކުރެވިދާނޭ ކަމެކެވެ. އެކަމަކު މި އެކާވީސް ވަނަ ސައްތައިގައި މިޒާތުގެ ޖަންގަލީގެ އުސޫލަށް ތަރުހީބުދޭބަޔަކު ތިބެދާނެބާވައެވެ. ބަޔަކަށް ގަބޫލުކުރެވޭ ކަހަލަ ގާނޫނީ ހުއްޖަތާއި ދަލީލު ދެއްކިދާނޭ ބާވައެވެ. ނުދެއްކޭނެއެވެ. ނުތިބޭނެއެވެ.

އެމެރިކާ ބޭނުމިއްޔާ ޖެހިގެން އެއޮތް ކެނެޑާއާއި މެކްސިކޯ ނުހިފޭނޭބާވައެވެ. ހިފޭނެއެވެ. ޗައިނާ ބޭނުމިއްޔާ ޖެހިގެން އެއޮތް މޮންގޯލިއާ ނުހިފޭނޭ ބާވައެވެ. ހިފޭނެއެވެ. ރޫސީވިލާތް ބޭނުމިއްޔާ ޖެހިގެން އެވާ ފިންލެންޑު ކަހަލަ ތަންތަން ނުހިފޭނޭ ބާވައެވެ. ހިފޭނެއެވެ. އަސްކަރީ ދުރުމިޔަކުން ބަލަންޏާ އެއީ ދާދިފަސޭހަކޮށް ކުރެވިދާނޭވެސް ކަމެކެވެ. އެކަންނުކޮށް ސަރަހައްދީ އިމާއި ވަސީލަތްތައް ހިއްސާކޮށްލައިގެން ފުއްދާލައިގެން އެތިބީ އަމިއްލަ އެދުމެއް ނޯންނާތީއެއް ނޫނެވެ. ދުނިޔޭގެ ހަމަޔާއި އުސޫލުން އެކަންކުރެވޭނޭ ގޮތެއް ނެތިގެންނެވެ. ދުނިޔޭގެ ހަމަތަކަށް ތަބާވާން މަޖުބޫރުވާތީއެވެ. އެކަހަލަ އުސޫލުތައް ހަމަފާޅުގައި މުގުރައި ގާނޫނަކީ ބޮމާއި ބަޑިކަމަށް އެންމެފަހުން ގަބޫލުކުރީ ހިޓްލަރެވެ. އޭނާއަށާއި އޭނާގެ ގައުމަށްވީގޮތް ތާރީޚު ބަލައިލީމާ އެބަފެނެއެވެ.

މިކަންކަން ކަޅާއި ހުދުން ވަރަށް ސައުފުކޮށް ފެންނާން އެބައޮތެވެ. ބައިނަލްއަގުވާމީ ހިމާޔަތާއި ރައްކާތެރިކަމުގެ އައްޑަނައިން ރާއްޖެއަށް ލިބޭ ރައްކާތެރިކަންވެސް ކަށަވަރު އެބަވެއެވެ. އެކަންކަން ފައްޔާޒާއި މާރިޔާއަށްވެސް ފެނިވަޑައިގަންނަވާނެއެވެ. އެކަމަކު ކޮންމެވެސް ސަބަބަކާލައިގެން އެހެން ވާހަކަފުޅެއް ދައްކަވަނީއެވެ. ދިވެހީންނަށް ތަފާތު މެސެޖެއް ދެއްވާން އުޅުއްވުމުގެ ފޮރުވިފައިވާ އެހެން ސަބަބެއް އޮވެދާނެއެވެ. ރައީސް ޔާމީނުގެ ދައުރުގައި އީރާނާއި ގަތަރާއި ގުޅުން ކަނޑައިލީވެސް އެޒާތުގެ ސިއްރު ސަބަބަކާލައިގެންނެވެ. އިސްތަންބޫލުގައި ނޫސްވެރިޔާ ޚާޝަގްޖީ ބޮޑުކީސް އަޅައިގެން ފޮތިފޮތިކޮށްލީމާ ތިމަންނާމެންގެ ފުރިހަމަ އިތުބާރު ސައުދީ ސަރުކާރާއި ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނަށް އެބައޮތޭ ބުނެ ބަޔާންނެރެން އަވަސްވެގަތުމުގައިވެސް ސަބަބުތައް ހުރިފަދައިންނެވެ.

ގަތަރުގެ ނަން ގެނެވުނީމާ ލިޔުން ނިންމައިލާނީ އަދިއެއްވާހަކަ ދަންނަވައިފައެވެ. އެއްދުވަހެއްގެ އެރިއިރާއެކު ދިވެހީންނަށް ލިބުނު ޚަބަރަކީ ދިވެހިރާއްޖެއިން ގަތަރާ ގުޅުން ކަނޑައިލި ވާހަކައެވެ. އެގުޅުން އަލުން އިއާދަކުރަނީ ކޮންއިރަކުބާވައެވެ. ޕްރިންސް މުހައްމަދުގެ އިޝާރާތެއް ލިބުނު އިރަކުންބާވައެވެ. އެތައް ގައުމެއްގެ ވައިގެ ސަރަހައްދު ގަތަރު އެއަރވޭޒްއަށް ވަނީ ބަންދުކުރެވިފައެވެ. އެ ސަރަހައްދުތަކަށް ނުވަންނާންވެގެން އިތުރު އެތައް އުދުހުންތަކެއް އުދުހި އިތުރު އެތައް ތެލެއް އަންދައިގެން މި ދިވެހިރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން ގެންނަނީ އެ ގަތަރު އެއަރވޭޒްއިންނެވެ.

މިވާހަކަ ވަރަށް ފަޚުރުވެރިވެފައި އެބަދައްކަމުއެވެ. އެކަމަކު ގުޅުން އިއާދަކުރާކަށެއް ނުކެރެއެވެ. ޚާރިޖީ ވަޒީރު ޝާހިދަކަށްވެސް އެވާހަކަ ދައްކަވާކަށެއް އަދި ކަމެއް ކުރައްވާކަށެއް ކެރިވަޑައިނުގަންނަވައެވެ. އެމަނިކުފާނު ދައްކަވަނީ ދިވެހިރާއްޖެއިން ނިއުކުލިއަރ ހަތިޔާރު ނުއުފައްދާނޭ ވާހަކައެވެ. ހިތަށް އަރައެވެ. ދުނިޔެ މިވަގުތު އެންމެ ކަންބޮޑުވަނީ ދިވެހިރާއްޖެއިން ނިއުކުލިއަރ ހަތިޔާރު އުފައްދައި ބޭނުންކޮށްފާނެތީބާވައެވެ.