Last Updated: October 28, 15:47
Wednesday, October 28, 2020
ޚަބަރު

އަލުން ކޮޅަށް ޖެހުމަށް އިގްތިސޯދީ ހަރަކާތްތައް ހިންގަންޖެހޭ: މިނިސްޓަރު

ފިނޭންސް މިނިސްޓަރު އަމީރު --

ކޮވިޑް19 ގެ ސަބަބުން އިނދަޖެހިފައިވާ ރާއްޖޭގެ އިގްތިސޯދު އަލުން ނަގާ ކޮޅަށް ޖެހުމަށްޓަކައި އިގްތިސޯދީ ހަރަކާތްތައް ހިންގަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތަށް އިންޑިއާ އިން ފޯރުކޮށްދޭ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާއި ދެމެދު މިއަދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތަކީ ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ފަށައިގަނެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"މި ހާލަތުން އަރައިގަތުމަށް ތައްޔާރުވާން ތަރައްގީގެ މަޝްރޫއުތައް އަލުން ފަށަން ޖެހޭ. އެހެންކަމުން މި މަޝްރޫއު އަކީ އިގްތިސާދު އިޔާދަކުރަން ނެގޭ މުހިންމު ފިޔަވަޅެއް." މިނިސްޓަރު ވިދާޅުވިއެވެ.

"ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއު އަށް އިންޑިއާ އިން ލޯނުގެ ގޮތުގައި 400 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

އެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިގްތިސޯދަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުއަކަށް ކަމަށާއި އެގޮތުން އިންޑިއާ ސަރުކާރުންދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށެވެ.