Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ސީޕްލޭން ފެށުމުގެ ތައްޔާރީތައް ބާރަށް ކުރިއަށް، ނޮވެމްބަރުގައި ފެށޭނެ: ގައިސް

ގަމާއި ހުވަދޫ އާއި ދެމެދު ސީޕްލޭން ދަތުރުފެށުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ބުނެފިއެވެ.

އޭއައިއޭގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ މޯލްޑިވިއަން އާއި އެކު އެއްބަސްވި ގޮތަށް 45 ދުވަހުގެ ތެރޭގައި ދަތުރު ފެށުމަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސީޕްލޭން ޓާމިނަލް އާއި ޕްލެޓުފޯމުތައް ސިވިލް އޭވިއޭޝަންގެ މިންގަޑަށް މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މޯލްޑިވިއަންގެ ހާއްސަ ޓީމެއްވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ގައިސް ވިދާޅުވިއެވެ.

ގަމާއި ހުވަދޫ އާއި ދެމެދު ސީޕްލޭން ދަތުރު ފެށުމަށް ރަސްމީކޮށް މޯލްޑިވިއަން އާއި އޭއައިއޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން 45 ދުވަހުގެ ތެރޭގައި ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމައި ދަތުރު ފެށުމަށްވަނީ އެއްބަސްވެފައެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގައިސް ވަނީ ސީޕްލޭން އޮޕަރޭޝަން ފެށުމާއި އެކު ގަމަށް އިތުރު އިންޓަނޭޝަނަލް ފްލައިޓު ގެނައުމަށް ފަސޭހަ ވާނެ ކަމަށް ވިދާޅުވެފައެވެ.

ގަމާއި ހުވަދޫ އާއި ދެމެދު ސީޕްލޭން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުން ސީދާ ފްލައުޓު ގެނައުމަށެވެ.