Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ފްލައިން ސްކޫލްގައި ދިވެހިންނާއި ބިދޭސީން ތަފާތު ކުރުން އިންތިހާއަށް!

"ހަމަ ގައިމުވެސް ދިވެހި ސަރުކާރުން، ދިވެހި ފަސްގަނޑުގައި މިވަރު ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމާނެ އެންމެ ބޮޑު އެއް ވިސްނުމަކީ، ދިވެހި ކުދިންނަށް ފަސޭހަ އަދި ހެޔޮ އަގެއްގައި ކިޔެވޭނެ މަގެއް ތަނަވަސްކޮށްދިނުމަށްކަން ޔަގީންކަން ކުރަން. އެކަމަކު އަހަރުމެން މި ޖެހެނީ، އަމިއްލަ ފަސްގަނޑުގައި ބިދޭސީންނަށް ވުރެ ހާލުގައި ކޯސް ނުނިމިގެން، ފްލައިން އަށް އެދި ސަލާން ޖަހަން. ސަލާން ޖެހުމުން ލިބޭ ޖަވާބުން އަޅުގަނޑުމެން ވަނީ މާޔޫސް"

މިއީ އައްޑޫ ސިޓީ ގަމުގައި 2010 ވަނަ އަހަރު ހުޅުވި ފްލައިން ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އެތަނުގައި ހިނގަމުންދާ ތަފާތުކުރުންތަކާއި ގުޅޭގޮތުން "އައްޑޫ ލައިވް" އާއި ހިއްސާކުރި ވާހަކަތަކެކެވެ. ފްލައިން ސްކޫލަކީ އޭވިއޭޝަންގެ ދާއިރާ އަށް ދިވެހިން ނެރުމުގެ ފޮނި އުއްމީދުގައި އެކަމަށް ހާއްސަ އިސްކަމެއް ދީގެން ހުޅުވި ތަނެކެވެ. އެ ސްކޫލުން ތައުލީމު ހާސިލުކޮށްގެން މި ދާއިރާގައި މަސައްކަތް ކުރަމުންދާ ހިދުމަތްތެރިން ވެސް މަދެއް ނޫނެވެ.

ނަމަވެސް މީގެ ދެތިން އަހަރު ކުރިން ފެށިގެން އެ ސްކޫލްގައި ދިވެހި ދަރިވަރުންނާއި ބިދޭސީ ދަރިވަރުންނާ ދެމެދު ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ދަރިވަރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ސްލޫކަށް މާފަހުން ވަންނަ ބިދޭސީ ދަރިވަރުންނަށް “ރޮކެޓް ސްޕީޑުގައި” ކޯސް ނިންމަން ފުރުސަތު ދިނުމާއި، ނުފޫޒުގަދަ ބައެއްގެ ބާރުގެ ބޭނުންކޮށްގެން ބިދޭސީ ދަރިވަރުންނަށް ފައިދާވާ ގޮތަށް ކަންކަން ކުރުންފަދަ އެތައް ޝަކުވާއެއް ދިވެހި ދަރިވަރުން އަންނަނީ ކުރަމުންނެވެ.

"މިތަނުގައި މި ކުޅެނީ ރާޒުވާ ކުޅިގަނޑެއް. ސްކޫލްގެ މެނޭޖްމެންޓުން ބޭނުންވާ ދަރިވަރުން ޝެޑިއުލް އިން ކުރިއަށް ޖައްސާފައި ބައެއް މީހުން މަޑުކުރުވާފައި، މިއީ މިތަނުގައި ކަން ހިނގަމުންދާ އުސޫލަކީ" ދަރިވަރަކު ބުންޏެވެ.

ދަރިވަރުން ވެސް ބުނާ ގޮތަށް މިއީ މީގެ ދެތިން ދުވަހެއް ކުރިން ހިނގަން ފެށި ކަންކަމެއް ނޫނެވެ. މިއީ މީގެ އެތައް އަހަރުތަކެއް ކުރީން ފެށިގެން ވެސް ހިނގަމުންދާ ކަންކަމެވެ. ދަރިވަރުންނަށް އޮތީ ކަމާބެހޭ ފަރާތްތަކަށް މިކަން ރިޕޯޓު ކުރުމެވެ. އެ ޒިންމާ ދަރިވަރުން ތަކުރާރުކޮށް އަންނަނީ އަދާކުރަމުންނެވެ. ނަމަވެސް ދަރިވަރުންގެ ޝަކުވާތައް އަޑުއަހައިގެން ހައްލެއް ގެންނަން ތިބި “ވެރީން” އެކަމަށް ނުކުޅެދިފައި ތިބުމުން އަމިއްލަ ފަސްގަނޑުގައި ހިންގަމުންދާ ތަނެއްގައި ދިވެހި ދަރިވަރުންތަކެއް މިވަނީ ނިކަމެތިވެފައެވެ.

ފްލައިން ސްކޫލްގައި ދިވެހިންނަށް ވުރެ ބިދޭސީންގެ ބާރުގަދަ!

އައްޑޫ ފްލައިން ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުން ބުނާ ގޮތުންނަމަ އެތަނުގައި ކިޔަވަމުންދާ ބޭރުގެ ދަރިވަރުންގެ ބާރު އެތަނުގައި ހިނގާލެ މާބޮޑަށް ވެސް ވަރުގަދައެވެ. އެގޮތުން ބަރާބަރަށް ފްލައިން ހަމަޖެހުމާއި، ޝެޑިއުލްގެ ބޭރުން ވެސް ބޭރު ދަރިވަރުންނަށް ފްލައިން ދިނުމާއި އަދި އެހެނިހެން ކަންކަން ހަމަޖެހި ކޯސް އަވަސް މުއްދަތެއްގައި ބޭރު ދަރިވަރުންނަށް ނިންމައިދެއެވެ. އެގޮތުން ބައެއް ބިދޭސީ ދަރިވަރުން އެއް އަހަރުތެރޭ ވެސް ކޯސް ނިންމާފައި އެބަހުރި ކަމަށް ދަރިވަރުން ބުނެއެވެ.

"ސްކޫލުގައި ދިވެހި ކުދިންނާ ތަފާތު ކުރުން އިންތިހާއަށް އޮވޭ. ބޭރު ކުއްޖަކު ނަމަ އެކުއްޖަކަށް ބަރާބަރަށް ފްލައިން އަދި އެހެނިހެން ކަންކަން ހަމަޖެހި ކޯސް އަވަސް މުއްދަތެއްގައި ނިންމައިދޭ. މީގެ ކުރިންވެސް ސްކޫލުގައި ކޯސް ހަދަމުންދިޔަ ބޭރު ގައުމެއްގެ ދަރިވަރަކު އެހެން ކުދިންނާ ތަފާތުކޮށް ގިނައިން ފްލައިންގ ދިނުމާއެކު އެހެން ކުދިންނަށްވުރެ މާއަވަހަށް ކޯސް ނިންމައިދީފައިވޭ" ދަރިވަރަކު ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

ނަމަވެސް ދިވެހި ދަރިވަރުންނަށް ކަން އޮތީ މިގޮތަކަށް ނޫނެވެ. އެ ދަރިވަރުން ބަރާބަރަށް ކޯހަށް ފައިސާ ދެއްކި ނަމަވެސް ފްލައިން ހޯދަން ބޭނުންވާނަމަ މި ޖެހެނީ ސަލާން ޖަހާށެވެ. އަދި ލައްކައިން ފައިސާ ހަރަދުވާއިރު ވެސް ގިނަ ފަހަރަށް ކޯސް ތިން އަހަރު އަހަރުވާއިރު ވެސް ނުނިމެއެވެ. މިއީ އިންސާފެއްތޯ އެވެ؟

"އަބަދުވެސް ޕޭމެންޓް ދައްކާފައި ވެސް ފްލައިންގ އަށް އެދި ކުދިން ސަލާން ޖަހަން ޖެހެނީ ފްލައިން ޝެޑިއުލް ކުރުމުގައި އެއްވެސް ކަހަލަ ދެފުށް ފެންނަ ގޮތެއް ވެސް ނުހުރޭ. މިކަމުގައި ވެސް ބޭރު ކުދިންނާއި ދިވެހި ކުދިން ތަފާތުކުރުން ބޮޑު" އެހެން ދަރިވަރަކު ބުންޏެވެ.

ނުފޫޒު ބޭނުންކޮށްގެން ލަންކާ ދަރިވަރަކު 1 އަހަރުތެރޭ ކޯސް ފުރިހަމަކުރި!

ސްރީލަންކާ އަށް ނިސްބަތްވާ މި ދަރިވަރަކީ މީގެ ދެ ތިން އަހަރުކުރިން ފްލައިން ސްކޫލާއި ގުޅުނު ދަރިވަރެކެވެ. މިއީ ލަންކާގެ ސިޔާސީ ފަރާތެއްގެ ދަރިއެއް ކަމަށްވާއިރު މި ދަރިވަރާއި އެ ސްކޫލްގައި އޭރު ކިޔަވަމުންދިޔަ ދަރިވަރުންނާއި ދެމެދު ވަރަށް ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ފްލައިން ސްކޫލްގެ ދަރިވަރުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ދިވެހި ދަރިވަރުން ޗެކް ރައިޑް ފުރިހަމަކުރަން ފްލައިޓެއް ލިބޭތޯ އެތައް ދުވަހެއް ވަންދެން އިންތިޒާރުގައި ތިބެންޖެހޭއިރު، މި ދަރިވަރަށް އެކަން ވެސް ދިޔައީ ހަމަ ވަރަށް ފަސޭހަ ގޮތަކަށް ކަމަށް ދިވެހި ދަރިވަރުން ބުނެއެވެ. އެގޮތުން ފްލައިންގެ ކަންކަން ވެސް ނިންމައި މި ދަރިވަރު 1 އަހަރުތެރޭ ނިންމާފައިވާ ކަމަށް ދަރިވަރުން ބުނެއެވެ.

"ދުވާލަކު ދެ ފްލައިޓް އެ ދަރިވަރަށް ލިބުނު ދުވަސް ދުވަސް ހުންނާނެ. ދިވެހި ދަރިވަރުންނަށް ވެސް ދެ ފްލައިޓް ލިބިދާނެ ކްރޮސް ކަންޓްރީ ސްޓޭޖުގައި. އެކަމަކު ދިވެހި ދަރިވަރުންނާ ހިލާފަށް އެހެން ސްޓޭޖުތަކުގައި އޭނާ އަށް ލިބުނު ދެ ފްލައިޓު” ދަރިވަރަކު ބުންޏެވެ.

މީގެކުރިން އެ ސްކޫލްގައި ފްލައިން ޝެޑިއުލް ދަރިވަރުންނަށް މެއިލް ކުރާއިރު، އެ ޝެޑިއުލް އިން އެ ދުވަހަކު ފްލައިން އަށް ޖަހާފައިވަ ދަރިވަރުން އެންމެންނަށް ވެސް ފެންނަން ހުރެއެވެ. އެގޮތުން އެ ދަރިވަރަށް ޝެޑިއުލް އިން ބޭރުން ވެސް ފްލައިޓުތައް ލިބެމުން ގޮސްފައި ހުރި ކަމަށާއި، އެ ދަރިވަރަށް ވަރަށް ބޮޑަށް އެހެން ދަރިވަރުންނަ ތަފާތުކޮށްފައިވާ ކަމަށް ދިވެހި ދަރިވަރުން ބުންޏެވެ.

"އަހަރުމެންނަށް ބުނަން ހަމަ ވަރަށް ކެރޭ މިއީ ހަމަ ސީދާ މެނޭޖްމެންޓުން އަންގައިގެން މިފަދަ ކަންކަން މިގޮތަށް ކޮށްފައި މި ހުންނަނީ. އެކަމަކު މި ވާހަކަ ދައްކަން މީގެކުރިން ނުކުރެނީ މިތަނުން ކަނޑާލާފާނެތީ. މި ކަންކަން ހައްލުކޮށްދޭނެ މުއައްސަސާއެއް ނެތުމުން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ ހައްގު ލިބޭނީ އަޅުގަނޑުމެން އަމިއްލަ އަށް ނިކުމެގެންކަން" ޝަކުވާތައް ހިއްސާކުރި ދިވެހި ދަރިވަރަކު ބުންޏެވެ.

މަލްޓި ރޭޓިން ޖަހަން ބޭރުން އަންނަ ބިދޭސީ ދަރިވަރުންނަށް އިސްކަންދޭ!

މި ސްޓޭޖަކީ ކޯހުގެ އެންމެ ފަހު ސްޓޭޖެ ކަމަށްވާއިރު، މިސްޓޭޖްގައި ވެސް ފްލައި ކުރަން ސްކޫލުގައި އޮންނަނީ އެންމެ ބޯޓެއް ކަމަށް ދަރިވަރުން ބުނެއެވެ. އެގޮތުން މިސްޓޭޖުގައި ފްލައި ކުރަންޖެހެނީ އެންމެ 7 ގަޑިއިރު ކަމަށްވާއިރު މިސްޓޭޖަކީވެސް ވަރަށް ގިނަދުވަސް ހޭދަކުރަންޖެހޭ ސްޓޭޖެކެވެ. ސަބަބުތައް ބައިވަރެވެ. އެގޮތުން އެންމެ ބޯޓެއް އޮތުމާއި ސްކައި ޑައިވިން އަށް މި ބޯޓު ބޭނުން ކުރުންފަދަ ކަންކަން ހިމެނެއެވެ.

އެގޮތުން ކޯހުގެ މި ސްޓޭޖަށް ދިވެހި ދަރިވަރުން ގޮސްފައި ތިބި ނަމަވެސް، މަލްޓި ރޭޓިން ޖަހަން ބޭރުން ބިދޭސީ ދަރިވަރަކު ފްލައިން ސްކޫލަށް އަތުވެއްޖެނަމަ ދިވެހި ދަރިވަރުން މަޑުޖައްސާލުމަށްފަހު އެ ދަރިވަރު ނިންމައިދޭ ކަމުގެ ޝަކުވާ ވެސް ފްލައިން ސްކޫލުގައި ވަނީ ބޮޑުވެފައެވެ.

"ސީޕީއެލް ލައިސެންސް ލިބުމުން ކޯސް ގާތްގަނޑަކަށް ސޭފްވީ. ދެން ރޭޓިން އެ ދަރިވަރަކަށް ފަސޭހަ ވަގުތަކު ވެސް ޖެހިދާނެ. އެގޮތަށް އަންނަ ކުދިން ފްލައިން ސްކޫލަށް ވެސް މި އަންނަނީ. ހަމަ އިންޑިއާ ތަނަކުން ދަރިވަރަކު އަތުވެއްޖެނަމަ، ދިވެހި ދަރިވަރުން މަޑުޖައްސާފައި އެ ދަރިވަރުން ނިންމާދީފައި އެބަހުރި” ޝަކުވާތައް ހިއްސާކުރަމުން ދަރިވަރަކު ބުންޏެވެ.

ކަންްބޮޑުވުންތައް ތަކުރާރުކޮށް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅި، ދިނީ ބީރު ކަންފަތެއް

ދަރިވަރުން ބުނާ ގޮތުގައި ފްލައިން ސްކޫލްގައި ހިނގަމުންދާ ތަފާތު ކުރުންތަކާއި އަދި އެހެނިހެން ކަންބޮޑުވުންތައް ވެސް ތަކުރާރުކޮށް ވަނީ ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައެވެ. ސިޓީގެ ޒަރިއްޔާއިންނާއި އަނގަ ބަހުން ވެސް މި ޝަކުވާތައް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށް ދެމުން އަންނަނީ ބީރު ކަންފަތެއް ކަމަށް ދަރިވަރުން ބުންޏެވެ.

"އަޅުގަނޑުމެންގެ ޝަކުވާތައް މީގެކުރިން ހަމަ އެއް ކަންފަތުން އަޑުއަހާފައި އަނެއް ކަންފަތުން ބޭރުކޮށްލަނީ. ފިޔަވަޅެއް ނޭޅޭ، އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ހުރިހާ ކަމެއް ވެސް ހަމަ އޮއްބާލަނީ. މިފަހަރު ވެސް ހަމަ މި ކަންބޮޑުވުންތައް މިތިބީ ހުށަހަޅައިގެން. އުއްމީދުކޮށްގެން މިތިބީ ރަނގަޅު ހައްލެއް ލިބޭނެ ކަމަށް"

ފްލައިން ސްކޫލްގައި ދަރިވަރުންގެ މިފަދަ އެތައް ޝަކުވާތަކެއް އެބަ ހުއްޓެވެ. މިިދިޔަ ހަފްތާގައި "އައްޑޫ ލައިވް" އިން ގެނެސްދިން ރިޕޯޓަކާއެކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދޭނެ ކަމަށް ވަނީ ބުނެފައެވެ. ދަރިވަރުން ބޭނުންވަނީ މިއީ އެއް ކަންފަތުން އަޑުއަހާފައި އަނެއް ކަންފަތުން ބޭރުކޮށްލާ ޒާތުގެ ކަމަކަށް މިކަން ނުވުމެވެ. ދަރިވަރުން ބުނި ފަދައިން މާޒީގައި ކަން ހިނގާފައިވަނީ މިގޮތަށެވެ. މި ހާލަތަށް ތަނުގެ ހާލަތު މިދިޔައީ ވެސް އެ ސަބަބާއި ހުރެއެވެ.

"އަޅުގަނޑުމެން އެދެނީ ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން، ހާއްސަކޮށް ސިވިލް އޭވިއޭޝަނުން މިކަމަށް ހައްލެއް ހޯދައިދިނުން. އަޅުގަނޑުމެންނަށް ޔަގީން ހުށަހަޅާފައިމިވާ ހުރިހާ ކަންބޮޑުވުންތަކަށް ވެސް ހަގީގަތުގައި ހައްލު ހޯދައިދެވޭނީ ސިވިލް އޭވިއޭޝަނަށްކަން. ބޭނުމީ އަވަސް ހައްލެއް" މައުލޫމާތު ހިއްސާކުރި ދަރިވަރަކު ބުންޏެވެ.