Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ޔުކްރޭން އަތުން ސްޕެއިން ބަލިވެއްޖެ

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޔުކްރޭން އަތުން 1-0 އިން ސްޕެއިން ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު ވެސް ސްޕެއިން އޮތީ 7 ޕޮއިންޓާ އެކު ގްރޫޕް ޑީ ގެ އެއްވަނައިގައެވެ. ދެވަނައިގައި ހަ ޕޮއިންޓާ އެކު ޖަރުމަނު އޮތްއިރު، ތިންވަނައިގައި އޮތް ޔުކްރޭނަށް ވެސް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ ސްވިޒަލޭންޑެވެ.

ޔުކްރޭންގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ސްޕެއިން އިން ކަމަށްވާއިރު، އެޓީމުން ވަނީ ޔުކްރޭންގެ ގޯލަށް ޖުމްލަ 21 ޝޮޓު މި މެޗުގައި ފޮނުވާލާފައެވެ. އެގޮތުން ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ ޔުކްރޭންގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިއިރު، އެ ދެ ހަމަލާ ވެސް ދިފާއުކުރީ އެޓީމުގެ ކީޕަރެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ޔުކްރޭނުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ވިކްޓަ ސައިގޮންކޯވް އެވެ. މިއީ ޔުކްރޭނުން މުޅި މެޗުގައި ވެސް ސްޕެއިންގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއެވެ.

މި މެޗުން ސްޕެއިން ބަލިވިއިރު މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްފަހު މެޗަކުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ. ސްޕެއިން އެންމެފަހުން ބަލިވީ އެ އަހަރު ކްރޮއޭޝިއާ އާއި ބައްދަލުކޮށް 3-2 އިންނެވެ.

މި ގްރޫޕްގައި ރޭ ޖަރުމަނާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.