Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

އަޅުގަނޑު ޖޭއެސްސީގައި އިންނަވަން ޔާމީން ވެސް އެދިވަޑައިގަންނަވާނެ: ނަޝީދު

އެމަނިކުފާނު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި (ޖޭއެސްސީ) އިންނަވަން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެދިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ޖޭއެސްސީން އިސްތިއުފާ ދެއްވުމަށް ތަކުރާރުކޮށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލެއްވުމާ ގުޅިގެންނެވެ.

ސައީދުގެ އެ ވާހަކަތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއް ކަމަކީ އެމަނިކުފާނު މިވަގުތު ޖޭއެސްސީގައި އިންނެވުން ކަމަށާއި ރާއްޖޭގައި އިންސާފުވެރިކަމާއެކީގައި ޝަރީއަތް ހިންގޭ ގޮތް ނުވެއްޖެނަމަ ކުރީގެ ވެރީންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާވާނެ ކަމަށެވެ.

"އަޅުގަނޑު މިއީ އިންސާފު ނެތަތީ، އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާކޮށްފައި ހުރި މީހެއް. އެންމެފަހަރަކު ދެފަހަރަކު ނޫން" ނަޝީދު ވިދާޅުވިއެވެ.

އަދި ކުރީގެ ވެރީންގެ ވެރިކަމުގައި ކޮށްފައިވާ ގޯސް ކަންތައްތަކަށް، އެ ވެރީންނަށް އަދަބު ލިބުމަށް ދިވެހިން އަބަދުވެސް އެދޭނެ ކަމަށާއި އެއީ އަބަދުވެސް ކުރަން ޖެހޭ، އަދި އެކަމުގެ އިންތިޒާމު ވެސް އަބަދުވެސް ހަމަޖައްސާފައި ބާއްވަން ޖެހޭ ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ގާނޫނީ އަސާސީ މިހާރު އެ އޮތް ގޮތަށް އޮތްހާ ހިނދު، މި މަޖިލީހުގެ ރައީސްގެ ގޮތުގައި އަޅުގަނޑު ޖޭއެސްސީގައި އިށީނދެ އިނދެ ކުރާ މަސައްކަތް ކުރާނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާ، އިހުލާސްތެރިކަމާއި، މަދަދުވެރިކަމާ އެކީގައި. އަދި އަނިޔާވެރިކަން ކުޑަކޮށް ވެސް އިސްނުކޮށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ހައިކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފް މައްސަލަ އަށް ޖޭއެސްސީން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.