Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

ބަރުލަމާނީއާއެކު މަޖިލިސް ގެރި ބަކަރި ވިއްކާ ބާޒާރަކަށް ބަދަލުވެދާނެ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

ބަރުލަމާނީ ނިޒާމާއެކު ރައްޔިތުންގެ މަޖިލިސް ގެރި ބަކަރި ވިއްކާ ބާޒާރަކަށް ބަދަލުވުމުގެ ބިރު އެބައޮތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އިސްލާހު ހުށަހަޅާފައެވެ. އެ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިހާރު ވަނީ އިއްވާފައެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ގެރި ބަކަރި ވިއްކަން ހުންނަ ޒާތުގެ ބާޒާރަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިޑު ވަރަށް ބޮޑު ކަމަށެވެ.

ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާލާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިފަދަ އިސްލާހެއް ހުށަހެޅުއްވިއިރު ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނާގޮތުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުންނެވެ. 66 މެމްބަރުންގެ ވޯޓެވެ.