Last Updated: March 28, 11:51
Thursday, March 28, 2024
ޚަބަރު

ދީބާޖާ އިން ދުލެއް ނުކުރި، ބުނަނީ ނިހާއީ ހުކުމެއް މުރާޖާ ނުކުރެވޭނެ ކަމަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ރިވިއު ނުކުރެވޭނެ ކަމަށް ދީބާޖާ އިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

މި މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިިދިޔަ ޖެނުއަރީ މަހުގެ 28ވަނަ ދުވަހުއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދީބާޖާގެ ވަކީލުން ވިދާޅުވީ މި މައްސަލައަކީ ތިން މަރުހަލާގައި ނިމި ސުޕްރީމް ކޯޓުގައި ނިހާއީ ހުކުމެއް އިއްވައި ނިމިފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށްވެސް ދީބާޖާއިން މިއަދު ބުންޏެވެ. ދިވެހި ދައުލަތުގެ ސްޓޭންޑަކީ އެއް ފަހަރު އެއް ގޮތަށް އޮވެފައި އަނެއް ފަހަރު އަނެއް ގޮތަށް އޮންނަ ސްޓޭންޑަކަށް ވެގެން ނުވާނެ، ކަމަށްވެސް ދީބާޖާގެ ވަކީލުން ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކީ ދައުލަތުން މީގެ ކުރިން ބަލައިގެންފައިވާ ހުކުމެއް ކަމަށް ފާހަގަކޮށް ދީބާޖާގެ ވަކީލުން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަން ޝަރީއަތުގައި ވެސް ދައުލަތުން މީގެކުރިން ބުނެފައިވާ ކަމަށެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައި އޮތީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރީ ކޮންޓްރެކްޓާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައި ދިނުމުގެ އުސޫލުތަކާއި ވެސް ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުންޏެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.

ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ދެ ފަހަރެއްގެ މަތިން ހާޒިރުކުރިއެވެ. ފުރަތަމަ ހާޒިރު ކުރި ފަހަރު އެމަނިކުފާނު ވަނީ މައްސަލަ ރިވިއު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އޭރުގެ ބެންޗު އޮއްވާ އިންސާފުވެރި ހުކުމެއް އެކަމުގައި އަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ކޯޓުގެ ބެންޗު ބަދަލު ކުރުމަށް އެމަނިކުފާނު އެދިލެއްވިއެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމުންވެސް ސުޕްރީމް ކޯޓަށް ދީބާޖާ މައްސަލަ ރިވިއު ކުރަން ހުށަހަޅާފައެއް ނުވެއެވެ. އަދި އެކަން އެގޮތުގައި އޮއްވާ ރައީސް ސޯލިހު ނިންމެވީ 174 މިލިއަން ދީބާޖާއަށް ދިނުމަށެވެ.

އެ މައްސަލާގައި ދެވަނަ ފަހަރަށް މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު ހާޒިރު ކުރެއްވިއެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ނުކުރީ އެއަށް އިތުރު ބަދަލެއް ސުޕްރީމް ކޯޓުން އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.