Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދައުވާ އުފުލުމުންވެސް އަމީން މިނިސްޓަރުކަމުގައި!

ހެލްތު މިނިސްޓަރ އަބްދުﷲ އަމީނުގެ މައްޗަށް ބޮޑެތި ކަރަޕްޝަންގެ ތުހުމަތު ކުރެވި ދައުވާކުރުމަށް މިވަނީ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވާފައެވެ.

އޭސީސީގެ ތަހުގީގުގައި އަމީންގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކަމަށާއި އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ Dr.Ali Al Tuckmachy އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ އަމީން ކަމަށް އޭސީސީން ބުނެއެވެ.

އަދި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީއަށް އަމީން އޮޅުވާލެއްވި ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

އަމީންގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތު ކުރެވުމާއި އެކު އެމަނިކުފާން ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވެފައެވެ. ނަމަވެސް ވަޒީރުގެ މުސާރަ ބަރާބަރަށް ނަންގަވައެވެ.

އަމީން މަގާމުގައި، މަޖްލިސް ހަނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ފަޅާ އެރި އެންމެ ބޮޑު ކަރަޕްޝަންގެ މައްސަލައަކީ ހެލްތު މިނިސްޓްރީން 75 ވެންޓިލޭޓަރު ހޯދުމުގައި ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަރަޕްޝަނުގެ މައްސަލައެވެ. މި މައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖްލިސްގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީއަށް މިނިސްޓަރ އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓި ހާޒިރުކޮށް ސުވާލު ކުރެވުނެވެ.

އެބައްދަލުވުމުގައި މަޖްލިސްއަށް މިނިސްޓަރ އަމީން ދޮގު ހެއްދެވިކަމަށް ބުނެ ބައެއް މެމްބަރުން ވާހަކަ ދެއްކެވި އިރު އަދިވެސް މި ފެންނަނީ މިނިސްޓަރ މަގާމުގައި ބަހައްޓާތަނެވެ.

ކަރަޕްޝަން ހުއްޓުވުމަކީ އެމްޑީޕީގެ ވައުދެކެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖްލީހުގެ އެޖެންޑާ-19 ގައި ހިމެނުނު އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ބޮޑު މައްސަލައެެއް ފެންމަތިވެފައިވާ އިރު އަދިވެސް މި ފެންނަނީ ފިޔަވަޅު ނޭޅިދާތަނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މިނިސްޓަރ އަމީން މުސާރަ ނަންގަވާތަނެވެ

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރ ކަމަށް ވަޑައިގެންނެވި އަމީން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޖްލިސްއިން ބޭރު ކުރާކަށް މަޖްލިސް މެމްބަރުންނަކަށް ކެރިވަޑައިގަންނަވާ ތަނެއް ނުފެނެއެވެ.

ސަރުކާރަށް ވަގަށް ގޮވައި، "ވަގު ވެންޓިލޭޓަރު ސަރުކާރުގެ" ޓެގް އަޅުވައިގެން އިދިކޮޅު ފަރާތްތަކުން މުޅި ސޯޝަލް މީޑިއާ ފަތަހަ ކުރާއިރު އަދިވެސް މަޖްލިސް މެމްބަރުން ފެންނަނީ ހަނުގައި ތިބޭތަނެވެ.