Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިނިސްޓަރު ޝާހިދާއި އަމީރު ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ދެބޭފުޅުން ރާއްޖެއަށް ޗައިނާ އިން ކަނޑައަޅާފައިވާ ސަފީރާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ ސަފީރާއެކު ވަރަށް އުފެއްދުންތެރި މަޝްވަރާ ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ.

ޗައިނާ ސަފީރު ވަނީ މިއަދު ދެ މިނިސްޓަރުންނާއެކު ބޭއްވިގެން ދިޔަ ބައްދަލުވުމަކީ ވަރަށް ކާމިޔާބު މަޝްވަރާ ބައްދަލުވުމެއް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. ޗައިނާ ސަފީރުގެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ޗައިނާ އިން އަބަދުވެސް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ދެބޭފުޅުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ބައްދަލުކުރެއްވިއިރު މިހަފްތާގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ ސަރުކާރާއެކު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ ގޮތުން ވަނީ ވާހަކަތަކެއް ދެކެވެން ފަށާފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އެއީ ސޮއިކުރަން ހެޔޮވާ ވަރުގެ އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ އެ ވާހަކައަށް ޗައިނާ ސަފީރު ވަނީ ރައްދު ދެއްވާފައެވެ.