Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ފޭސްބުކެ އޮންނެ 'ތެލެލީ ރެހާކުރު' ޕޭޖާން ތެލެލީ ރެހާކުރު ތެބެ ގަތާ؟

ކޯވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެކިއެކި ކުދި ވިޔަފާރި ފަށައިގެން އުޅޭއިރު، އެންމެ ބޮޑުކޮށް އިޝްތިހާރު ކުރުމުގެ ބައި އޮތީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެގޮތުން، ފޭސްބުކުން ގިނަ އައްޑޫ މީހުންނަށް ފެނިފަ އޮވެދާނެ އެއް ޕޭޖަކީ 'ތެލެލީ ރެހާކުރު' ޕޭޖެވެ. އިޝްތިހާރު ކުރުމުގައި އައްޑޫ ބަސް ބޭނުން ކޮށްގެން ސަކަ މިޒާޖުގެ ކެޕްޝަންތަކެއް މި ޕޭޖުން ޕޯސްޓު ކުރާއިރު، ތެލެލީ ރެހާކުރު ޕޭޖުން ވިއްކާ ތެލުލި ރިހާކުރުގެ މަޤުބޫލުކަން ވެސް މީހުންގެ މެދުގައި ކުޑައެއް ނޫނެވެ.

ތެލެލީ ރެހާކުރު ޕޭޖަކީ ކޮން ބައެއް؟

ތެލެލީ ރެހާކުރަކީ ޕޭޖަކީ ސ. ފޭދޫ ގައި ހުންނަ ގެއަކުން ވިއްކާ ތެލުލި ރިހާކުރު އިޝްތިހާރު ކުރުމަށް ގެންގުޅޭ ޕޭޖެކެވެ. އެގެއިން ވިއްކާ ތެލުލި ރިހާކުރު ތައްޔާރު ކުރުމާއި ވިއްކުމުގެ ބަޔަކީ ގޭގެ އެންމެން ވެގެން ކުރާ މަސައްކަތެކެވެ. އެގޮތުން، އާއިލާގެ ވަޒީފާތަކުގައި އުޅޭ މީހުންވެސް ކޯވިޑް-19ގެ ތެރޭގައި އަނބުރާ ރަށަަށް އައުމުން، ކުދި ބޮޑު އެންމެން ޝާމިލުވެގެން، އާއިލާ ތެރޭގައި އެއްކޮށް ވަގުތު ހޭދަ ކޮށް މަޖާ ކުރުމުގެ ތެރެއިން ކުރިއަށް ދާ ކަމަކީ ރިހާކުރު ތެލުލާ އެ ވިއްކުމެވެ. އެގެއިން ވާހަކަ ދެއްކި ކުއްޖަކު ބުނި ގޮތުގައި، މިކަމުގެ ސަބަބުން ކޯވިޑް-19 ގެ ނުތަނަވަސް ކަމުގެ ތެރެއިންވެސް އުފާވެރި ވަގުތުތަކެއް އާއިލާ އާއި އެކު ހޭދަ ކޮށްލަން ލިބުނެވެ.

ތެލެލީ ރެހާކުރުގެ މީރު ކަން ހިފަހައްޓަނީ ކިހިނެތް؟
ތެލެލީ ރެހާކުރު ޕޭޖުން ރިހާކުރު ފުޅިއެއް ގަނެގެން ކައިފި މީހަކު އެރިހާކުރަށް ލޯބި ނުޖެހި ނުދާނެއެވެ. އެގޮތުން، މި ތެލުލި ރިހާކުރު ތައްޔާރު ކުރުމާއި އޭގެ ކޮލިޓީ ކޮންޓްރޯލް ބައި ވެސް ބަލަހައްޓަނީ ހުރިހާ ކުދިންގެ މަންމަ، އިލްހާމް ރަޝީދު (އިލްހާމް ދައްތަ) އެވެ. މި ރިހާކުރުގެ މީރު ކަމުގެ ސިއްރަކީ އިލްހާމް ދައްތަގެ ސީކްރެޓް ރެސިޕީއެކެވެ. ރެސިޕީ 'އައްޑޫ ލައިވް' އާއި ހިއްސާ ނުކުރި ނަމަވެސް، އިލްހާމް ދައްތަ ދަނީ އިލްހާމް ދައްތަގެ ކުދިންނާއި މާމަ ކުދިންނަށް އެ ރެސިޕީ ބޭނުން ކޮށްގެން މީރު ތެލުލި ރިހާކުރު ތައްޔާރު ކުރަން ދަސްކޮށް ދެމުންނެވެ. އަދި މީރު ތެލުލި ރިހާކުރު ކާން ބޭނުން ކޮންމެ މީހަކަށް ރިހާކުރު ވަގުތުން ތައްޔާރު ކޮށް، ތާޒާ ކަން މަތީގައި ވިއްކަމުންނެވެ. އިލްހާމް ދައްތަ ކިޔާ ދިން ގޮތުގައި، މިހާތަނަށް ތެލުލި ރިހާކުރު ރަހަ ބަލާފައި، އެންމެންވެސް ބުނަނީ ވަރަށް މީރު ކަމަށެވެ.

ތެލެލީ ރެހާކުރު ޕޭޖުން ކުރާ އިޝްތިހާރު ތަކުގެ ފަހަތުގައި ތިބެނީ ކޮން ބައެއް؟
މި ސުވާލަކީ ތެލެލީ ރެހާކުރު ޕޭޖު ފޮލޯ ކުރާ ގިނަ ބަޔަކު ވަރަށް އެނގެން ބޭނުން ވާނެ ސުވާލެކެވެ. އައްޑޫ ބަހުން ކެޕްޝަންތައް ލިޔެ، ވަރަށް ސަކަ މިޒާޖަކަށް އިޝްތިހާރު ކުރުމަކީ މިޕޭޖުގެ އެއް ޚާއްސަ ކަމެވެ. މިކަމުގެ ފަހަތުގައި ތިބެނީ އިލްހާމް ދައްތަގެ ކުދިންނެވެ. އިޝްތިހާރު ކުރުމާއި ޑެލިވެރީ ކުރުމުގެ ބަޔަކީ އިލްހާމް ދައްތަގެ ކުދިން ބަލަހައްޓާ ޑިޕާޓްމެންޓެވެ. އެގޮތުން، އިލްހާމް ދައްތަގެ ކުދިން ކިޔާ ދިން ގޮތުގައި، ޕޭޖު މިގޮތަށް ހިންގަނީ އައްޑޫ ގައި ތައްޔާރު ކުރާ ތެލުލި ރިހާކުރަކަށް ވެފައި، އައްޑޫ ބަހުން އިޝްތިހާރުތައް ގެނެސްދިނުމުން، އެއިން އައްޑޫ ވަންތަކަށް ދައްކުވައިދޭތީ އެވެ. އަދި އައްޑޫ މީހުންގެ މިޒާޖުގެ އެކުވެރި ކަމާއި މަޖާކަން ވެސް މިކަމުން ދައްކުވައި ދޭތީއެވެ.

ތެލެލީ ރެހާކުރުގެ އަގުތަކާއި ޑިމާންޑު އޮތީ ކިހިނެތް؟
ތެލެލީ ރެހާކުރު ޕޭޖުން ކިޔާދިން ގޮތުގައި އާންމުކޮށް ފޯސްޓާ ކްލާކު ސައިޒުގެ ފުޅިއެއް އުޅެނީ -/300 ރުފިޔާ އަށެވެ. އަދި މެދު ސައިޒު ނުވަތަ ކްރަމްޕީ ސައިޒު ފުޅިއެއް (400 އެމްއެލް) ވިއްކަނީ -/150 އަށެވެ. މީގެ އިތުރުން -/30 އަށް ވިއްކާ ކުދި ފުޅިވެސް އެޕޭޖުން ލިބެން ހުންނާނެއެވެ. އެގޮތުން ކަސްޓަމަރުންގެ މެދުގައި މި ތެލުލި ރިހާކުރު ވަރަށް މަޤުބޫލު ކަމަށް އެކުދިން ކިޔާ ދިނެއެވެ. އަދި މާލެ އިންނާއި އެެހެން ރަށްރަށުން ވެސް ފުޅިތަކަށް އޯޑަރު އަންނަ ކަމަށް އެކުދިން ކިޔާދިނެއެވެ.

"އޯޑަރެއް އައުމުން، ވަގުތުން ތައްޔާރު ކޮށްފައި، ހަމަ ފްރެޝްކޮށް ޑެލިވެރީ ކުރަނީ. މާލެއިން ނުވަތަ އެހެން ރަށަކުން އޯޑަރު އަޔަސް ހަމަ ވަގުތުން ތައްޔާރު ކޮށްފައި ބޯޓަށް އެހެން ނޫނީ ކާގޯއަށް ލަނީވެސް." އެގެއިން ވާހަކަ ދެއްކި ކުއްޖަކު ކިޔާދިނެވެ.

ތެލެލީ ރެހާކުރު ޕޭޖުން ކުރިއަށް އޮތް ތަނުގައި ކޮން ކަމެއް ރާވާފަ އޮތީ
ތެލެލީ ރެހާކުރު ޕޭޖުން މިހާރު ހަމަ އެކަނި ވިއްކަނީ ތިން ސައިޒުގެ ތެލުލި ރިހާކުރު ފުޅި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ތެލުލި ރިހާކުރު ބޭނުން ކޮށްގެން ތައްޔާރު ކުރާ ތަފާތު އެކި ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެގެއިން ބުނެއެވެ. އެގޮތުން، ވަރަށް އަވަހަށް، ދިވެހިންގެ މެދުގައި އެވަރުގެ ދެވަނަ އެއް ނެތް ތާޒާ ތެލުލި ރިހާކުރާއި، ހޫނު ހުނިރޮށި އެގެން ވިއްކަން ފަށާނެއެވެ. އެކަން ފެށެން ކައިރި ވުމުން ޕޭޖް އިޝްތިހާރު ކުރަން ފަށާާނެ ކަމަށް އެކުދިން ބުންޏެވެ.

ތެލެލީ ރެހާކުރު ޕޭޖު ހޯދާނީ ކިހިނެތް؟
ތެލެލީ ރެހާކުރު ޕޭޖު މިވަގުތަަށް ހިންގަނީ ހަމަ އެކަނި ފޭސްބުކް މެދުވެރި ކޮށެއެވެ. އެގޮތުން އެޕޭޖަކީ: https://www.facebook.com/TheleleeRehaakuru/