Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޕީޕީއެމުން ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކޮށްފި

އިދިކޮޅު ޕީޕީއެމުން ލޯޔަލްޓީ ކާޑުތަކެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ކާޑުތައް ތައާރަފުކޮށްދެއްވީ މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

މި ކާޑުތައް ތައާރަފް ކުރުމަށްފަހު ވަނީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރަމްޒީ ކާޑެއް އަރުވާފައެވެ. ޔާމީންގެ ފަރާތްޕުޅުން މި ކާޑާއި ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ.

ޕީޕީއެމުން މިއަދު ވަނީ ހަތަރު ކެޓެގަރީ އަކުން ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކޮށްފައެވެ. ފުރަތަމަ ކާޑަކީ 100 ރުފިޔާ އަށް ދޭ މެޖެންޓާ ކާޑެވެ. އޭގެ އިތުރުން ދެން ހިމެނެނީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ކާޑެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މި ކާޑުތައް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ އިދާރީ ކަންކަމަށާއި އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ އިތުރުން އަތޮޅުތެރޭގައި ސްޓިއަރިން ކޮމިޓީތައް ހިންގުމަށް ކަމަށް ޕީޕީއެމުން ހާމަކުރެއެވެ.

ލޯޔަލްޓީ ކާޑުތަކުގެ އިތުރުން ޕީޕީއެމްއާ ގުޅުންހުރި ސާމާނު ލިބެން ހުންނާނެ ސްޓޯރަކާއި އަދި އެ ޕާޓީގެ މެމްބަރުންނަށް ހާއްސަކޮށްގެން ކެފޭއެއް ވެސް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގާނޫނާއި ހިލާފަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުން، އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކުރުމާއި ގުޅިގެން ފަންޑު ފޮށި ބަހައްޓައި ފަންޑު ހޯދުމުގެ ހަރަކާތެއް ވެސް ދާދިފަހުން ވަނީ ހިންގާފައެވެ.