މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ޖޮގިންކޮށްލަން ދިޔަޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަތިން ހަނދާންވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޕީޕީއެމުން ލޯޔަލްޓީ ކާޑު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކުރީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލަމުން ސައީދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލު ފެނުމުން ހަނދާން ވަނީ ޔާމީން ކަމަށާއި އަދި ބްރިޖުގެ ކޮންމެ ލޭނަކުން ދިޔަޔަސް އަދި ސައިޑް ވޯކެއްގައި ޖޮގިންކޮށްލަން ދިޔަޔަސް ޔާމީންގެ ހަނދާންތައް އަންނަމުންދާ ކަމަށެވެ.
"ދެވަނަ ރަންވޭގައި ކިތަންމެ ބޮޑު ބޯޓެއް ޖެއްސިޔަސް ކުޑަ ބޯޓެއް ޖެއްސިޔަސް، ރާއްޖޭގެ ފަތުރުވެރިކަން ހަތް މިލިއަނަށް ދެން ކޮންމެ ޒަމާނަކުން ދެންދިޔަޔަސް އަޅުގަނޑުމެންނަށް ހަނދާންވާނެ ރައީސް ޔާމީން" މާވަށު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ވިޔަފާރި ބަނދަރެއް ހެދިޔަސް، ވިލިނގިއްޔާއި މާލެ ގުޅާލިޔަސް ހަމަ ހަނދާންވާނީ ޔާމީން ކަމަށާއި އެގޮތުން އެމަނިކުފާނު ވަނީ ތަރައްގީގެ އުސްމިން އެ ހިސާބަށް އުފުލާފައި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އެގޮތުން ޔާމީންގެ ތަރައްގީގެ ހަނދާންތައް އާކުރުމުގެ ގޮތުން އެ މަންޒަރުތައް ފެންނާނެ ގޮތަށް ޓީޝާޓެއްގައި ޖެހުމަށް އިދިކޮޅު ސަޕޯޓަރުން ވެސް އެދެމުންދާ ކަމަށާއި އެހެންކަމުން މާޗެންޑައިޒް ޕްރޮމޯޝަންއެއްގެ ތެރެއިން އެ ތަކެތި ލިބޭނެ އިންތިޒާމު މަހެއްހާ ދުވަސްތެރޭ ހަމަޖައްސާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ޕީޕީއެމުން މިއަދު ވަނީ ހަތަރު ކެޓެގަރީ އަކުން ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކޮށްފައެވެ. ފުރަތަމަ ކާޑަކީ 100 ރުފިޔާ އަށް ދޭ މެޖެންޓާ ކާޑެވެ. އޭގެ އިތުރުން ދެން ހިމެނެނީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ކާޑެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ލޯޔަލްޓީ ކާޑުތަކެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މި ކާޑުތައް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރާނީ އިދާރީ ކަންކަމަށާއި އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގެ އިތުރުން އަތޮޅުތެރޭގައި ސްޓިއަރިން ކޮމިޓީތައް ހިންގުމަށް ކަމަށް ޕީޕީއެމުން ހާމަކުރެއެވެ.