Last Updated: April 19, 19:29
Friday, April 19, 2024
ވިޔަފާރި

މަސް އިމްޕޯޓު ކުރަން ރާއްޖެއަށް ހުރަހެއް ނެތް: ލަންކާ

ރާއްޖެ އިން ލަންކާ އަށް މަސް އިމްޕޯޓު ކުރަން ހުރަހެއް ނެތްކަމުގެ ޔަގީންކަން އެގައުމުގެ އިސްވެރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

މިނިސްޓަރު ޝާހިދު މިރޭ ވިދާޅުވީ ރާއްޖެ އިން ލަންކާ އަށް މަސް އިމްޕޯޓު ކުރަން އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރްދެނާ އާއި ލަންކާގެ ފިޝަރީޒް މިނިސްޓަރު ޑަގްލަސް ދެވަނަންދާގެ އިތުރުން ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޖިތް ނިވާދް ކަބްރާލް އާއެކު ކުރެވުނު މަޝްވަރާތަކުގައި ދެއްވާފައިވާ ކަމަށެވެ.

ލަންކާ އިން މި ޔަގީންކަން ދީފައިމިވަނީ އެގައުމުގެ އާ ސަރުކާރުން އެގައުމަށް މަސް އެކްސްޕޯޓު ކުރުން މަނާ ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ދާދިފަހުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ ރާއްޖޭގެ މަސް ލަންކާ އަށް ނުގެންދެވޭތީ ކަންބޮޑު ނުވާ ކަމަށާއި އެގޮތުން ރާއްޖެއިން އަމާޒު ކުރަނީ އަގުބޮޑު މާކެޓުތަކަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަހުން ރައްޔިތުންނަށް ވީހާވެސް ބޮޑު އާމްދަނީ އެއް ހޯދައިދިނުމަކީ އަމާޒެއް ކަމަށްވެސް ޒަހާ ވިދާޅުވިއެވެ.

އަދި ހިކި ކަނޑު މަހަކީ މާބޮޑު އަގެއް ލިބޭ އެއްޗެއް ނޫން ކަމަށާއި އެއަަށްވުރެ އަގު އެއް ކުރެވިގެން މާބޮޑެތި ބާޒާރުތަކަށް އެތަކެތި ފޮނުވޭނެ ކަމަށްވެސް ޒަހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ގަނޑުކުރި މަސް ތައިލޭންޑް ބާޒާރަކަށް ވެސް އަދި ލަންކާ ބާޒާރަކަށް ވެސް ފޮނުވާކަށެއް. މި ތަރައްގީތައް މި ގެންނަނީ ހަމަ މަސްވެރިންނަށް މަންފާ ހޯދާ ދިނުމަށްޓަކާ" ޒަހާ ވިދާޅުވިއެވެ.

ޒަހާ މިހެން ވިދާޅުވިއިރު ރާއްޖޭގެ މަސްވެރިން ސީދާ ލަންކާގެ މާރުކޭޓަށް މަސް ވިއްކުމަކީ މި ސަރުކާރުގެ އަދި އެމްޑީޕީގެ ވެސް އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.