Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ތަރުކާރީ، މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުން ލާޒިމުކޮށްފި

ތަރުކާރީ އާއި މޭވާ ވިއްކަން ބަހައްޓާފައި - ފޮޓޯ: ސަން

ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުން ލާޒިމުކޮށް، އެކަމާއި ގުޅޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މި ގަވާއިދަށް އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރެވޭނީ އޮންލައިންކޮށް، މިނިސްޓްރީގެ އޮންލައިން ޕޯޓަލް https://business.egov.mv މެދުވެރިކޮށެވެ.

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ގަވާއިދުގެ ދަށުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް، ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނާ ޚިލާފުވިކަމަށް ބަލައި، އެފަދަ ކޮންމެ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވެފައި ނުވާކަން އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މި ފިޔަވަޅުތައް އެޅުމަށްފަހުގައިވެސް، މި ގަވާއިދާ ޚިލާފަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރިޔަށް ގެންދާ ކޮންމެ ފަރާތެއްގެ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަން ބަންދުކޮށް، އެ ތަނުގެ ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ޖެހޭނީ، މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ،ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުންނެވެ.

އެގޮތުން މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭއިރު، ރަޖިސްޓްރީ ކުރަން ހުށައަޅަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމަށް އިންސްޕެކްޓް ކުރާނީ، ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ. ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކުންނެވެ.