Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އާބާދީގެ ނިސްބަތުން ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދު ގިނަ

އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ފޮޓޯ: ޕީއެސްއެމް

އާބާދީގެ ނިސްބަތުން ބަލާއިރު ބޭރު ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދާ ދިވެހިންގެ އަދަދު ގިނަ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެޓީވީގެ" ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޒަކަރިއްޔާ ވިދާޅުވީ ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ގިނަ އަދަދަކަށް ދިވެހިން ބައިވެރިވަމުންދާ ކަމަށާއި އެގޮތުން އެއީ ގާތްގަނޑަކަށް 170 މީހުން ކަމަށްވާއިރު، އޭގެތެރޭގައި އެމީހުންނާއެކު ދިޔަ އާއިލާގެ މެމްބަރުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ނިސްބަތުން އެ އަދަދަކީ ވަރަށް މަތީ ޕަސެންޓޭޖެއް. މުޅި ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ގިނައީ ދިވެހިންނޭ ބުނާ ހިސާބަށް ކަންތައްތައް ދިމާވެފައި އެބަހުރި" ޒަކަރިއްޔާ ވިދާޅުވިއެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ގާނޫނީ ކުށެއް ކަމަށް ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައިވާ ކަމަށާއި މިފަދަ ކަންކަން ހުއްޓުވޭނީ ހެދިފައިވާ ގާނޫނުތަކަށް ތަބާވެގެން ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.

"ދިވެހިން ބޭރު ގައުމުތަކުގެ މިފަދަ ކަންކަމުގެ ތެރެއަށް ވަނުމުން، ހަގީގަތުގައި އޭގެ ނަން ކޮންމެ ދިވެއްސަކަށް ވެސް ރައްދު އެބަވޭ. އަދި ރާއްޖެ އަށް ވެސް. ރާއްޖެ އަބަދުވެސް ސިފަވެގެން އައިސްފައި މި އޮންނަނީ ވަރަށް ހަމަޖެހޭ، ގުޅިގެން މަސައްކަތް ކުރާ ގުދުރަތީ ރީތި މަންޒިލެއްގެ ގޮތުގައި. އެކަމަކު މިފަދަ ކަންކަމުގެ ސަބަބުން އެއަށް ވެސް ބައެއް ފަހަރަށް އެހެން ގޮތަކަށް ސިފަވާތަން ވެސް އެބަ އާދޭ" ޒަކަރިއްޔާ ވިދާޅުވިއެވެ.

ސީރިއާގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ސަރުކާރުގައި އެދެމުންދާތީ އެ މީހުން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އާއި ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސީރިއާ އަށް ހަނގުރާމަ އަށް ދިޔުމަށްފަހު އެނބުރި ރާއްޖެ އައި މީހަކު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 7 ދުވަސް ޖަހާދީފައެވެ.