Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އަމީން މަގާމުން ވަކި ނުކުރާތީ ފާޑުކިޔުން

ހެލްތު މިނިސްޓަރު އަމީން - ފޮޓޯ: މަޖިލިސް

ހެލްތު މިނިސްޓަރ އަބްދުﷲ އަމީނުގެ މައްޗަށް ބޮޑެތި ކަރަޕްޝަންގެ ތުހުމަތު ކުރެވި ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން ވެސް މަގާމުގައި ވަކި ނުކުރާތީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބޮޑު "ސަމާސާ" އަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮރަޕްޝަނަށް ރައީސް ސޯލިހުގެ ވެރިކަމުގައި އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށް އެމަނިކުފާނު ވިދާޅުވިއިރު އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ދެއްކެވި ވާހަކަފުޅެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ޖަމީލް ވަނީ އަމީނުގެ މައްސަލަ ތަހުގީގު ކުރެވި ދައުވާ އުފުލަން ފޮނުވާފައިވީ ނަމަވެސް ވަޒީފާ ނުގެއްލޭތީ އެއީ ތާހިރު ގޮތްތޯ ސުވާލު އުފައްދާފައެވެ.

އޭސީސީގެ ތަހުގީގުގައި އަމީންގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ކުންފުންޏަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ އަމީން ކަމަށާއި އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ Dr.Ali Al Tuckmachy އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފްކޮށްދީފައިވަނީ އަމީން ކަމަށް އޭސީސީން ބުނެއެވެ.

އަދި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީއަށް އަމީން އޮޅުވާލެއްވި ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. އަމީންގެ މައްޗަށް ކަރަޕްޝަންގެ ތުހުމަތު ކުރެވުމާއި އެކު އެމަނިކުފާން ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވެފައެވެ. ނަމަވެސް ވަޒީރުގެ މުސާރަ ބަރާބަރަށް ނަންގަވައެވެ.