Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ބޮޑު ތަފާތަކުން ޖަސިންޑާ ދެވަނަ ދައުރެއް ކަށަވަރުކުރައްވައިފި

ނިއުޒިލޭންޑުގެ އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް މިހާރުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ކުރި ހޯއްދަވާނެކަން މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ އިން ކަށަވަރުވެއްޖެ އެވެ.

އާއްމު އިންތިހާބުގެ 97 ޕަސެންޓުގެ ވޯޓު ގުނައި ނިމިފައިވާއިރު ޖަސިންޑާ ނިސްބަތްވެ ވަޑައިގަންނަވާ ލޭބާ ޕާޓީ އަށް 49 ޕަސެންޓު ވޯޯޓު ކާމިޔާބު ކުރައްވާފައެވެ. މި ނަތީޖާއާއެކު 120 މެމްބަރުން ތިއްބަވާ ނިއުޒިލޭންޑުގެ ގާނޫނު ހަދާ މަޖިލީހުގެ 64 ގޮނޑި ލޭބާ ޕާޓީ އަށް ލިބޭނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. މިއީ ކޯލިޝަނަކާއި ނުލައި ވެސް ވެރިކަން ކުރެވޭނެ އަދަދެއް ކަމަށްވާއިރު، މިއީ އެގައުމުގެ ތާރީހުގައި ވެސް ޕާޓީއަކުން މިވަރުގެ ކާމިޔާބެއް ހޯދި ފުރަތަމަ ފަހަރެވެ.

ލޭބާ ޕާޓީއާ އެންމެ ގާތުން ވާދަ ކުރި ނެޝަނަލް ޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 27 ޕަސެންޓު ވޯޓެވެ.

ޖަސިންޑާ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވިއިރު، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޖަސިންޑާ ވަނީ އިންތިހާބުގެ ނަތީޖާ އިން ފެނިގެން މިދިޔައީ ފާއިތުވި 50 އަހަރުތެރޭ ވެސް ލޭބާ ޕާޓީ އަށް ނުލިބޭ ވަރުގެ ސަޕޯޓެއް ކަމަށެވެ.

ލޭބާ ޕާޓީ އަށް އަލަށް ތާއީދުކުރަން ނިންމި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން ޖަސިންޑާ ވަނީ އެ ޕާޓީން މަސައްކަތް ކުރާނީ ނިއުޒިލޭންޑުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށްވެސް ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ތިން އަހަރު ކުރަން ހުރި މަސައްކަތްތައް ގިނަ ގުނަ. ކޮވިޑަށް ފަހު ކުރިއަށް ވުރެ ވަރުގަދަކޮށް ގައުމު ބިނާކުރުމުގެ މަސައްކަތް ފަށާނަން" ޖަސިންޑާ ވިދާޅުވިއެވެ.

މި އިންތިހާބުން ޖަސިންޑާ އަށް ބޮޑު ކާމިޔާބެއް ލިބުމުގެ މައިގަނޑު އެއް ސަބަބަކީ ކޮވިޑްގެ ކަންކަން މެނޭޖް ކުރި ގޮތް ކަމަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެގޮތުން ނިއުޒިލޭންޑަކީ ކޮވިޑުން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ފިޔަވަޅުތައް އެޅި ގައުމެވެ. އެގޮތުން 1883 ކޮވިޑް ކޭސް ފެނިފައިވާއިރު، އޭގެތެރެއިން 1818 މީހުން ވަނީ ރަނގަޅުވެފައެވެ. މި ބަލީގައި އެގައުމުން މަރުވެފައިވަނީ 25 މީހުންނެވެ.