Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

އެވަޓަން އިން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު އެވަޓަން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. މާނޭ މި ގޯލު ކާމިޔާބުކުރީ ރޮބަޓްސަން ބޯޅަ ހުރަސްކޮށްލުމުން އެވަޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަނިޔާގެ ސަބަބުން މެޗުގެ 11 ވަނަ މިނެޓްގައި ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު ވެންޑައިކް ބަދަލުކުރިއިރު މެޗުގެ 19 ވަނަ މިނެޓްގައި އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 59 ވަނަ މިނެޓްގައި ރިޗާލިސަން އަށް ވަނީ އެވަޓަން އަށް ލީޑު ނަގައިދޭން ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި ފުރުސަތުގެ ބޭނުން އެވަޓަން އަށް ނުހިފުނުއިރު މެޗުގެ 72 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ލިވަޕޫލަށް އަލުން ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެވަޓަންގެ ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް ލެވިން ވަނީ އެވަޓަން އަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 7 ވަނަ ގޯލެވެ.

މެޗުގެ 90 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިއާގޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެވަޓަންގެ ރިޗާލިސަން އަށް ރަތްކާޑު ދެއްކިއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލް އިން އިތުރު ގޯލެއް ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ހެންޑަސަން ކާމިޔާބުކުރި ގޯލުގައި މާނޭ އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލު ރެފްރީ ވަނީ ކެންސަލްކޮށްފައެވެ.

ނަމަވެސް މާނޭ ހުރީ އޮފްސައިޑް މަގާމެއްގައި ނޫން ކަމަށް ބުނެ މެޗަށްފަހު ވެސް ލިވަޕޫލްގެ ކުޅުންތެރިން ވަނީ ރެފްރީގެ ގާތުގައި އެކަމާ ގުޅޭގޮތުން ޝަކުވާކޮށްފައެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާ އެވެ. އެވަޓަން ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.