Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ގާނޫނީ ވަކީލުކަން ކުރުމަކީ ޝަރަފެއް: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާން

ގާނޫނީ ވަކީލުކަން ކުރުމަކީ ހައްގެއް ނޫން ކަމަށާއި އެއީ ޝަރަފެއް ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ 200 އަށް ވުރެ ގިނަ ގާނޫނީ ވަކީލުން ހުވާ ކުރުމަށް މިއަދު ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއުތަސިމް ވިދާޅުވީ ގާނޫނީ ވަކީލުކަން ކުރުމަކީ ޝަރަފެއް ކަމަށްވާއިރު އެ ޝަރަފު ލިބެނީ ފުރިހަމަވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވުމުން ކަމަށެވެ. އެގޮތުން ގާނޫނީ ވަކީލުންނަކީ އެމީހުންގެ އެމީހުންގެ މުވައްކިލުންނާއި މުޖުތަމައުގެ ތެރެއިން އިހުތިރާމު ލިބިގެންވާ ބައެއް ކަމަށާއި ކޯޓުގައި މަސައްކަތް ކުރާއިރު ވަކީލުންނަކީ ކޯޓުގެ އޮފިސަރުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"މުވައްކިލުން ތަމްސީލު ކުރުމަށްޓަކާ ކޯޓަށް ހާޒިރުވާ ކޮންމެ ވަގުތަކީ ހާއްސަ ޝަރަފުވެރިކަމެއް އިހުސާސް ކުރެވިގެންދާނެ ވަގުތެއް. ތިމާގެ އަމިއްލަ ނަފްސާއި މެދު ފަހުރުވެރިވާނެ ހިނދުކޮޅެއް" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ގާނޫނީ ވަކީލަކަށް ވުމާއެކު ޒިންމާތަކެއްވާކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ އެންމެ ބޮޑު ޒިންމާ އަކީ ތިމާގެ މަސައްކަތުގެ އަހުލާގު ހިފެހެއްޓުމާއި، ފަރުވާތެރިކަމާއި، ހުޝިޔާރުކަމާއެކު ތިމާގެ މުވައްކިލުންނާއި މުޖުތަމައުގެ ހައްގުގައި މަސައްކަތް ކުރުމުގެ ޒިންމާ ކަމަށް ވިދާޅުވެފައެވެ.

އަދި އެގޮތުގައި މަސައްކަތް ނުކުރެވޭނަމަ އެމީހަކު ވެގެންދާނީ ހޭރިނެތިގެން އުޅޭ ދޯންޏެއް ފަދަ މީހަކަށް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފައި މިވަނީ ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް އެ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ވަކީލުންނެވެ.