Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކުޅުދުއްފުށްޓަށް އަރައި ފޭބުން މަނާކޮށްފި

ހދ. ކުޅުދުއްފުށި -- ފޮޓޯ / އަވަސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.

އެޗްޕީއޭ މިރޭ ބުނީ ކުޅުދުއްފުށްޓަށް އަރައި ފޭބުން މަނާކޮށްް މޮނިޓާ ކުރަން ފެށީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެ ރަށަށް އަރާ ފޭބުން މަނާކުރީ މިރޭ 10:35 އިން ފެށިގެންނެވެ.

އަދި ވަކި ގޮތެއް އަންގަންދެން އެ ރަށަށް އަރައި ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.

މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެގޮތުން އެންމެފަހުން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ އެ ރަށުގެ ޕޮލިސް ސްޓޭޝަންގައި މަަސައްކަތްކުރާ ފުލުހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މީގެކުރިން މާލެ އާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ "ފާޅު ބޯޓު" ގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ވެސް އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެގޮތުން މޮނީޓަރިންގެ ހާލަތު އުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 7 ކޭސް އެބަ އުޅެއެވެ.