Last Updated: April 23, 16:26
Tuesday, April 23, 2024
ކުޅިވަރު

ސިޓީން އާސެނަލް ބަލިކުރިއިރު، ޗެލްސީ އެއްވަރުވެއްޖެ

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީން އާސެނަލްގެ މައްޗަށް ކުރި ހޯދިއިރު، ޗެލްސީ އާއި ސައުތްހެމްޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާތަކާއެކު ސިޓީ މިހާރު އޮތީ 7 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ. ޗެލްސީ އޮތީ 8 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައި ކަމަށްވާއިރު ސައުތްހެމްޓަން އޮތީ 7 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 13 ޕޮއިންޓާ އެކު އޮތީ އެވަޓަން އެވެ.

ސިޓީ މިރޭ އާސެނަލްގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. މިއީ މި ސީޒަނުގައި ސްޓާލިން ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

ނަތީޖާ އެއްވަރުކޮށްލަން އާސެނަލް އަށް ވެސް މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް އާސެނަލް އިން ސިޓީގެ ގޯލަށް ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އެޓީމުގެ ކީޕަރު އެޑަސަންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މިއީ ލީގުގައި އާސެނަލް އިން ޖެހިޖެހިގެން ސިޓީ އަތުން ބަލިވި ހަތްވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ޗެލްސީ މިރޭ އަމިއްލަ ދަނޑުގައި ކުޅެ ސައުތްހެމްޓަންއާ އެއްވަރުވީ 3-3 އިންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ ޗެލްސީން ދެ ގޯލު ކާމިޔާބުކުރިއިރު، މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑެނީ އިންގްސް ވަނީ ސައުތްހެމްޓަން އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޗޭ އެޑަމްސް ވަނީ ސައުތްހެމްޓަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއްގެ ތެރޭގައި ކައި ހަވެޓްޒް ވަނީ އަލުން ޗެލްސީ އަށް ލީޑު ނަގާދީފައެވެ.

މި ނަތީޖާގައި އޮވެ ޗެލްސީ މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވެސްޓްގާޑް ވަނީ ސައުތްހެމްޓަން އަށް ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.