Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ގައުމުތަކާއެކު ގުޅުން ހަރުދަނާކުރަނީ މިނިވަންކަން ކަށަވަރު ކުރަމުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު - ރައީސް އޮފީސް

ހުރިހާ ޤައުމުތަކަކާއެކުވެސް، ޚާރިޖީ ގުޅުންތައް ހަރުދަނާ ކުރަމުން އަންނަނީ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރެވޭނެކަން ކަށަވަރު ކުރަމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ 21 ވަނަ ސައްތައިގެ ފިކުރިއްޔާތަކީ، އަދި މިޒަމާނުގެ ސިޔާސީ، އިޤްތިޞާދީ ވިސްނުމަކީ، މިނިވަން މުސްތަޤިއްލު ޤައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖުތަމަޢު ކަމަށާއި ރާއްޖެއަކީވެސް، މި ދެންނެވި މުޖުތަމަޢުގައި ހިމެނޭ އެއް ޢާއިލާ، ނުވަތަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއް ގޭބިސީ ކަމަށެވެ.

އެގޮތުން ހުރިހާ ޤައުމުތަކަކާއެކުވެސް، ޚާރިޖީ ގުޅުންތައް ރާއްޖެ އިން ހަރުދަނާކުރަމުން އަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި އެކަމުގެ ސަބަބުން، ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން ކަމަށާއި ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އެ ގައުމުތަކާއެކު ޚާރިޖީ ގުޅުންތައް އިޢާދަކުރެވި ބަދަހިވެފައިވާކަމީ، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުން. ކޯވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ދިވެހިންގެ ޤައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެދިގެން ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ޤައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.