Last Updated: April 18, 22:36
Friday, April 19, 2024
ކުޅިވަރު

ފަހަތުން އަރައި ޔުނައިޓެޑުން ނިއުކާސަލް ބަލިކޮށްފި

ފަހަތުން އަރައި 4-1 އިން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގައެވެ. ނިއުކާސަލް އޮތީ 7 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 13 ޕޮއިންޓާ އެކު އޮތީ އެވަޓަން އެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ނިއުކާސަލް އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 23 ވަނަ މިނެޓްގައި ހެރީ މެގުއާ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ނިއުކާސަލްގެ ފޯވާޑް ވިލްސަން އަށް ވަނީ އެޓީމަށް އަލުން ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 58 ވަނަ މިނެޓްގައި ޔުނައިޓެޑަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ބްރޫނޯ ފަނާންޑޭސް ފޮނުވާލި އެ ޕެނަލްޓީ ނިއުކާސަލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 86 ވަނަ މިނެޓްގައި ފަނާންޑޭސް ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގާދީފައެވެ.

އަދި މެޗުގެ 90 ވަނަ މިނެޓްގައި ވެން ބިސާކާ ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، މެޗުގެ ފަހު ވަގުތުކޮޅުތެރޭ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަޝްފޯޑް އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ޗެލްސީ އާއެވެ. ނިއުކާސަލް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.