Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

"އިންޑިއާ އައުޓް" އޭ ގޮވަނީ ޖަލަށްދާން ޖެހިދާނެތީ ބިރުން: އާޒިމް

އަލީ އާޒިމް - ފޮޓޯ: މަޖިލިސް

އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" އޭ ގޮވައި އަޑުއުފުލަމުންދަނީ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ޖަލަށްދާން ޖެހިދާނެތީ ބިރުން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަބަރު ސިޓީގެ އެންމެ ފަހުގެ އަދަދުގައި ލިޔުއްވާފައިވާ ލިޔުމެއްގައި އާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ކުރަން ގޮވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތަށް އިންޑިއާ އިން ރާއްޖެ އަށް އަތްގަދަކޮށް، މިލިޓަރީ ބޭހެއް ހަދައި އަދި ރާއްޖެ އަށް އަތްގަދަ ކުރާކަށް ވެސް ނޫޅޭ ކަމަށެވެ.

އަދި އިންޑިއާ އިން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް އަބަދުވެސް ބަލާނެ ކަމަށާއި ދެ ގައުމުގައި މިހާރު އުފެދިފައިވާ ގަދަފަދަ ގުޅުމުގެ ސަބަބުން ވަކިން ހާއްސަކޮށް މިހާރު އެކަން އިންޑިއާ އިން ބަލަމުންދާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ކުރަން ގޮވާ ފަރާތްތަކުން މިކަން ކުރަމުންދަނީ ހުވަފެނީ އުއްމީދެއްގައި ސަރުކާރު ކޮންމެވެސް ގޮތަކުން ބަދަލުކޮށްލުމުން "ދައުވާ އައުޓް" ކޮށްލުމުގެ އުއްމީދުގައެވެ. އެގޮތުން "އިންޑިއާ އައުޓް" ގޮވަން ކުރީ ސަފުގައި އެތުރިފައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތައް މިހާރު ދަނީ ބަލަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަދުރޭ، ސައީދު، ގައްސާން، މުންދު، ޝިޔާމް، ނިހާން، ރިޔާޒު ރަޝީދު އަދި އަލީ އާރިފް މެންފަދަ މީހުންނާ ގުޅޭ ތަހުގީގުތައް ކަމާގުޅޭ އިދާރާތަކުގައި ދަނީ ކުރިއަށް. މިކަމުގައި ސަލާމަތްވާން ވެގެން ގައުމު ހަލަބޮލިކޮށް، އެކުވެރި ގައުމުތަކާ ރާއްޖެއާ ޖައްސާ ވެރިކަމުގެ މިސްރާބު ބަދަލުކޮށްލެވޭތޯ މަރުފަލި ޖަހަނީ. މިއުޅެނީ "އިންޑިއާ އައުޓް" ނުވެގެނެއް ނޫން. މިއުޅެނީ ކުށް ސާބިތުވެ، ޖަލުތޭރި ތަކުގެ ތެރެއަށް "އިން" ވެދާނެތީ އެކަމާ ގަންނަ ބިރަކުން" އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމް ވަނީ އިދިކޮޅުން މިހާރު ކިޔަމުންދާ ފަރިއްސަށް ދިވެހިން ހޭނި، ފޫހިވެފައިވާ ކަމަށާއި މިހާރު ދެން އެހެން ފަރިއްސެއް ކިޔުން ބުއްދިވެރިވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އަމިއްލަ އެދުން އެއްކިބާ ކުރުމަށްފަހު ސަރުކާރު ޒިންމާދާރުކުރަން މަސައްކަތް ކުރުމަށާއި ސަރުކާރުން ގޯސްކޮށް ކަމެއް ކުރާނަމަ އެކަން ފާހަގަކޮށް، އެ ވާހަކަ ދެއްކުމުން ރައްޔިތުން ބަލައިގަންނަލެއް ބޮޑުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.