Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަޒްހަރް ޔުނިވާސިޓީގެ ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފި

އަޒްހަރު ޔުނިވާސިޓީ

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން އެދޭ ދަރިވަރުންނަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ އަޒްހަރް ޔުނިވާސިޓީގެ ބެޗްލަރސް ޑިގްރީގެ 8 ސްކޮލަޝިޕަށް އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ ސްކޮލަޝިޕްތަކުގެ ތެރޭގައި މެޑިސިން އާއި އިންޖީނިއަރިން އާއި ސައިންސް އާއި ތައުލީމީ ފަދަ ދާއިރާތައް ހިމެނެއެވެ.

އެ ފުރުސަތަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 25 އަހަރު ފުރިފައި ނުވުމާއި ޝަހާދާ ސާނަވިއްޔާ އިން ފާސްވެފައިވުން ހިމެނެ އެވެ. އޭގެ ތެރެއިން ވެސް އަރަބިއްޔާ ސްކޫލުން ޝަހާދާ ސާނަވިއްޔާ ނިންމި ދަރިވަރެއް ނަމަ، އެއިން 65 ޕަސެންޓަށް ވުރެ މަތިން ފާސްވެފައިވުން ހިމެނެ އެވެ.

އަދި މި ކޯސްތަކަށް ހުށަހަޅާ ފަރާތްތަކަކީ މިޞްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ސްކޮލަރޝިޕަށް އަޒްހަރު ޔުނިވަރސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީ އެކަންޏެވެ. އެހެން ޚަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ.

އަދި މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ފެއްޓެމުގެ ކުރިން އަރަބި ބަހުގެ ޓެސްޓެއް ހަދަންޖެހޭނެއެވެ. އަރަބި ބަހުގެ ޓެސްޓުން ފާސްނުވެއްޖެނަމަ އަރަބި ބަސް ކިޔަވަންޖެހޭއިރު، މިކަމަށް ގިނަވެގެން ލިބޭނީ 1 އަހަރު ދުވަހުގެ މުއްދަތެއް ކަމަށް ބުނެފައިވެއެވެ.

މި ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.