Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އަނެއްކާވެސް ޕާމް ބީޗު ވިއްކާލަން އިއުލާނުކޮށްފި

ޕާމް ބީޗް ރިސޯޓު ނީލަމުގައި ވިއްކައިލަން ސްޓޭޓް އޮފް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މި ރިސޯޓު މީގެކުރިންވެސް ދެ ފަހަރެއްގެ މަތިން ވިއްކާލުމަށް އެސްބީއައި އިން ވަނީ އިއުލާންކޮށްފައެވެ.

އެ ރިސޯޓު ވިއްކާލަން އިއުލާން ކޮށްފައި ވަނީ އެސްބީއައި އިން ނަގާފައިވާ ލޯނެއް ނުދައްކާ އޮތުމުންނެވެ. އެސްބީއައި އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނު ކޮށްގެން ނެގި ލޯނަކަށް ފައިިސާ ނުދެއްކުމުން، ވިއްކައިލުމުގެ ހުއްދަ ސިވިލް ކޯޓުން ބޭންކަށް ދިނުމުން ކަމަށެވެ.

އެ ރިސޯޓު ނީލަމުގައި ވިއްކާލަން އެސްބީއައި އިން އެންމެ ފުރަތަމަ އިއުލާނުކުރީ 26 މިލިއަން ޑޮލަރު، 400.9 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، ގަންނާނެ ފަރާތެއް ނުލިބިގެން، އަގު ދަށްކުރަމުން އައިސް މިހާރު ވިއްކާލަން ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ 15.3 މިލިއަން އެމެރިކާ ޑޮލަރު، 235.9 މިލިއަން ރުފިޔާ އެވެ.

ނީލަން ކާމިޔާބު ކުރާތާ 15 ދުވަސް ތެރޭގައި އެއް މިލިއަން ޑޮލަރު ދެއްކުމަށް ފަހު ބާކީ ފައިސާ 60 ދުވަސް ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އެސްބީއައިން ބުނެއެވެ.