Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ 200 ސިފައިން އެބަތިބި: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ފޮޓޯ: ރާއްޖެއެމްވީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ 200 ސިފައިން އެބަތިބި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހާއި ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އެގޮތުން އުމަރު ވިދާޅުވީ މިއަދަކީ ޕޯޗުގީޒުންގެ ލަޝްކަރެއް، ދިވެހިން ނިކުމެ ހަގުރާމައެއްގައި ބަލިކޮށް، ޕޯޗުގީޒުން މި ޤައުމުން ބޭލި ދުވަސް ކަމަށެވެ. އެގޮތުން ޕޯޗުގީޒުން އެ ދުވަހު ހަމަލާދެނީ ކަނޑިއާއި ބަޑިން ކަމަށާއި ނަމަވެސް މި ޒަމާނުގައި ޤައުމުތަކަށް ހަމަލާ ދެނީ ކަނޑިއާއި ބަޑިން ނޫން ކަމަށާއި މި ޒަމާނުގައި ގައުމުތަކަށް އަރާ ހިފަނީ އެހެނިހެން ނުސީދާ ގޮތްތަކުން ކަމަށެވެ.

"މިއަދު މިވާހަކަ ދައްކާއިރު އިންޑިއާގެ އަސްކަރިއްޔާގެ 200 ސިފައިން ރާއްޖޭގެ 3 ސަރަހައްދެއްގައި ރުކުރުވާލާފައިވޭ. މިއީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މިއީ ހުއްޓުވަންޖެހޭ ކަމެއް" އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވިއިރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރަން ޑިފެންސް މިނިސްޓްރީން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާ ސިފައިން ބޭރުކުރަން ހާއްސަ ކެމްޕޭނެއް ވެސް ފަށައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ.

އެގޮތުން އިންޑިއާ އިން ރާއްޖޭގައި އަސްކަރީ މަރުކަޒެއް އަޅަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.