Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ކުޅުދުއްފުށި ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ

ކޮވިޑް-19 އާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ސިޓީގެ ކައުންސިލުން އެދިއްޖެއެވެ.

ކުޅުދުއްފުށި ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި ބޭރަށް ނިކުންނަ ނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ.

އަދި މިސްކިތަށް ދިއުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ އެންގުންތަކަށް ބޯލެބުމުގެ ގޮތުން، މާސްކުއެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށް ވެސް ވަނީ އަންގާފައެވެ.

އޭގެ އިތުރުން ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރުމަށާއި އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުމަށް ވަނީ އަންގާފައެވެ.

ކުޅުދުއްފުށި ތިންވަނަ ފަހަރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ.