Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ވޭމަންޑޫގައި ޕިކްނިކް ސަރަހައްދެއް ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ވޭމަންޑޫގެ ތުނޑީކޮޅުގައި ހިތްފަސޭހަ ކަމާއެކު ދަތުރުގޮސް އުޅެވޭނެގޮތަށް ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ފަރުހިލާ ތުނޑީގެ ނަމުގައި ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު މި ސަރަހައްދުވަނީ ހުޅުވާލެވިފައެވެ.

މިއީ މިރަށުގައި އާންމުކޮށް އާއިލާތައް ދަތުރު ދިއުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުން، މި ތަން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެހެން މިހާރުވަނީ ހިޔާވާނެ ގޮތަށް އަތިރމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ގާއިމް ކުރެވިފައެވެ.

މީގެ އިތުރުން ވަނީ ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްވެސް އަޅައި، 2500 ލީޓަރުގެ ފެން ޓޭންކެއްވެސް ބެހެއްޓިފައެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް މި ސަރަހައްދުގައި ވަނީ ޑަސްޓްބިންވެސް ބަހައްޓާފައެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.

"ވޭމަންޑޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިފަދަ ބުރަ މަސައްކަތެއް ނިންމާލުމުގައި މި މަސައްކަތް ރާވައި ހިންގެވުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން." ސައީދު ވިދާޅުވިއެވެ.

ވޭމަންޑޫ ކޮމިއުނިޓީ ޕިކްނިކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބު ކުރި ފަހުދު އަބްދުއް ޝަކޫރު ވިދާޅުވީ ރަށުގެ ތުނޑި ޕިކްނިކް އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

އަދި މުސްތަގުބަލުގައި މިސަރަހައްދު އިތުރަށް ތަރައްގީކޮށް އަވައްޓެރި ރަށްތަކުގެ ރައްޔިތުންވެސް މިސަރަހައްދު ބޭނުންކުރުމަށް އަންނާނެހެން މި މިސަރަހައްދު ތަރައްގީ ކުރުމަކީ ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފައެވެ.