Last Updated: August 24, 06:11
Sunday, August 24, 2025
ޚަބަރު

މެންޓަލް ހެލްތު ސަޕޯޓު ގްރޫޕް ޕްރޮގްރާމެއް ފަށަނީ

ކޮވިޑް-19 އާއި ގުޅިގެން މާލީ ގޮތުން އަސަރުކޮށްފައިވާ، އާއިލީ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އަމާޒުކޮށްގެން ފެމިލީ ލީގަލް ކްލިނިކުގެ ފަރާތުން މެންޓަލް ހެލްތު ސަޕޯޓު ގްރޫޕް ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

ފެމިލީ ލީގަލް ކްލިނިކުން ބުނީ މި ޕްރޮގްރާމަކީ އ.ދ ގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ އެހީތެރިކަމުގެ ދަށުން ހިލޭ އޮންލައިންކޮށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ސަޕޯޓު ގްރޫޕް ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 25 އިން އަންނަ މަހުގެ 14 ގެ ނިޔަލަށް، ކޮންމެ ހަފްތާއަކު ބާއްވާ ދެ ސެޝަން މެދުވެރިކޮށެވެ.

ސަޕޯޓު ގްރޫޕްގެ ސެޝަންތައް ކުރިއަށްގެންދާނީ ސްޕެޝަލިސްޓް ސައިކޯތެރަޕިސްޓެއް ކަމަށްވާ އަބްދުﷲ ފަސީހު އެވެ.

މި ސަޕޯޓު ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް "Support group" ލިޔުމަށްފަހު، ބައިވެރިވާން ބޭނުންވާ ފަރާތުގެ ފުރިހަމަ ނަމާއި، ފޯން ނަމްބަރާއި، އީމެއިލް އެޑްރެސް ޖެހުމަށްފަހު 9977771 އަށް މެސެޖް ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން މި ސަޕޯޓު ގްރޫޕްގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ މެސެޖް ކުރާ 15 ފަރާތަށް ކަމަށް ފެމިލީ ލީގަލް ކްލިނިކުން ބުނެއެވެ.

ފެމިލީ ލީގަލް ކްލިނިކަކީ 2014 ވަނަ އަހަރުން ފެށިގެން އާއިލާއާ ބެހޭ މައްސަލަތަކަށާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ހިލޭ ސާބަހަށް ގާނޫނީ ލަފާ ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.