Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

އޭސީސީގެ މެމްބަރުން ވަކިކުރަން ހުށަހަޅަނީ

އޭސީސީގެ މެމްބަރުން - ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރަން ހުށަހަޅާނެ ކަމަށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ހަސަންޓޭ ވިދާޅުވީ މިއަދު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އޭސީސީގެ މެމްބަރުން ވަކިކުރުމަށް އެދި ހުށަހަޅާނެ ކަމަށެވެ. ހަސަންޓޭގެ އިތުރުން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ އޭސީސީ އަށް މިހާރު އިތުބާރެއް ނެތް ކަމަށާއި ވަކިކުރަން ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

ހަސަންޓޭ މިހެން ވިދާޅުވެފައިމިވަނީ ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނީ މިގޮތަށް ނިންމީ އޭސީސީން ފޮނުވި މައްސަލަ ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން މިގޮތަށް ނިންމައި އިއްޔެ އެ މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މިގޮތަށް ނިންމި ސަބަބު ހާމަކުރަން ޕީޖީ އޮފީހުން މިއަދު މެންދުރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދައުވާނުކޮށް އަނބުރާ ފޮނުވާލަން ޕީޖީ އޮފީހުން ނިންމިއިރު، އޭސީސީން މައްސަލަތަކުގައި ކުރާ ތަހުގީގުތަކާ މެދު އެމްޑީޕީގެ މެމްބަރުން މީގެކުރިން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓައި، ކުދިކުދި މައްސަލަތައް އޭސީސީން ބަލަމުންދާތީ ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އޭސީސީން ބުނީ އެމްއެމްޕީއާރްސީގެ މައްސަލަ އަކީ ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރާ މައްސަލައެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ނިމޭނެ ތާރީހެއް ހަމައެކަނި އޭސީސީ އަށް ނުބެނެވޭނެ ކަމަށް ބުނެފައެވެ.