Last Updated: August 20, 05:53
Wednesday, August 20, 2025
ޚަބަރު

ހުޅުމާލެ އިން ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ - ފޮޓޯ: ސަން

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ތިން އޮޕަރޭޝަނެއްގައި ވަނީ ހުޅުމާލެ ދެ ފްލެޓަކާއި ގެއެއް ބަލައިފާސްކޮށް، އުމުރުން 44 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެތިން މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 30 ހުސް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ޑިޖިޓަލް ސްކޭލް އަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅޭ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ފެނުމާއި ގުޅިގެންނެވެ.

19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ޓިޝޫއެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުންް ފުލުހުން އިއްޔެ ވަނީ ފުވައްމުލަކުގެ ދޫޑިގަން އަވަށުގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 225 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ހޯދާފައެވެ.

ފުވައްމުލަކުގައި ހިންގި މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.