Last Updated: August 24, 06:11
Sunday, August 24, 2025
ޚަބަރު

ހެއްކާއެކު ހުށަހަޅައިފިނަމަ އަމީނަށް ދައުވާ ކުރާނަން: ޕީޖީ

ޕީޖީ ހުސެއިން ޝަމީމު - ފޮޓޯ: މިހާރު

ހެއްކާއެކު ހުށަހަޅައިފިނަމަ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ނިންމާފައެވެ.

އެ ނިންމުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީން ކުރި ތަހުގީގުގެ ފެންވަރު ދަށެކޭ ވެސް އަދި ރަނގަޅެކޭ ވެސް ނުދަންނަވާނެ ކަމަށާއި މި ނިންމުން ނިންމީ އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އަދި މިކަމުގައި ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ކަމަށާއި މިނިސްޓަރު އަމީން އާއި ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުންނާއި ރަހުމަތްތެރިކަމުގެ ގުޅުމެއް ނޯންނާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި ނުފޫޒެއް އޮވެގެން ކަމެއް ކުރާނަމަ އެކަން ކުރާނީ މި މައްސަލައިގައި ނޫން ކަމަށާއި މިއަށްވުރެ މާ ބައިވަރު ކަންކަން ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީކީ އެއްވެސް ސިޔާސީ ނިންމުމެއް ނޫން. ހެކި ހުރެއްޖެއްޔާ ހަމަ މި މިނިސްޓަރުގެ (އަމީން) މައްޗަށް އަނެއްކާ ވެސް އެހެން މައްސަލައެއްގައި ހެއްކާއެކު ހުށަހަޅައިފިއްޔާ ދައުވާ ކުރާނަން. އެކަހަލަ އެއްވެސް ބިރުވެރިކަމެއް ވެސް ނެތް، ޖެހިލުމެއް ވެސް ނުވޭ" ޕީޖީ ވިދާޅުވިއެވެ.

މީގެއިތުރުން ވެންޓިލޭޓަރުގެ މައްސަލައިގައި ގޯހެއް ހަދާފައިވާކަން އެނގުނު ނަމަވެސް، ކޯޓަކަށް މައްސަލައެއް ވެއްދޭނީ ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވެގެން ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި މީގެކުރިން ދައުވާ ކުރަން ފޮނުވުމުގެ ކުރިން އޭސީސީން ދުރާލައި ޕީޖީ އޮފީހާއި މަޝްވަރާ ކުރާ ކަމަށާއި ނަމަވެސް މި މައްސަލައިގައި އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުގެ މި ނިންމުމާ ގުޅިގެން އޭސީސީން ކުރާ ތަހުގީގުތަކުގެ ފެންވަރާއި މެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ މަޖިލިސް މެމްބަރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.