Last Updated: August 23, 06:48
Saturday, August 23, 2025
ޚަބަރު

ނިއުޒިލެންޑުގެ ބޮޑުވަޒީރަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ޖެސިންޑާ އާޑެން - ފޮޓޯ: ގެޓީ އިމޭޖެސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަސިންޑަރ އާޑާންއަށް މަރުޙަބާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ޖަސިންޑަރ އާޑާން ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތީ، ހުސްވި ހަފުތާގައި ބޭއްވި އެ ޤައުމުގެ ޢާންމު އިންތިޚާބުގައި އެ ކަމަނާގެ ލޭބަރ ޕާޓީއިން ހޯދި ކާމިޔާބީއާ އެކުގައެވެ.

ޖަސިންޑަރ އާޑާންއަށް ރައީސް ފޮނުއްވި މެސެޖުގައި އިންތިޚާބުގައި ލޭބަރ ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ކާމިޔާބީގެ ފަހަތުގައި ވަނީ، އެ ކަމަނާގެ ހިންގުންތެރި ސިޔާސަތުތައް ކަމުގައި ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19 ގެ ޙާލަތާއި ކުރިމަތިލުމަށް އެ ކަމަނާ ގެންގުޅުއްވާ ސިޔާސަތުތަކަކީ، މުޅި ދުނިޔޭގެ ތަޢުރީފު އެ ކަމަނާއަށް ލިބުނު ސިޔާސަތުތަކެއް ކަމުގައި ފާހަގަކުރައްވައި، އެ ސިޔާސަތުތަކަށް ތަޢުރީފުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މެސެޖުގައި ވަނީ ރާއްޖެއާއި ނިއު ޒިލެންޑާ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެ މަނިކުފާނު ވަނީ ޖަސިންޑަރ އާޑާންގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި، އަދި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.