އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައެވެ. އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ.
މިއަދުގެ އަޑުއެހުމުގައި އާޒިމާ ވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން މެދުވެރި ވެގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގިއިރު ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ އެންމެ އިސް މީހަކަށް ހުންނެވީ ބިޝާމް ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތް ބޮއްސުންލާފައިވަނީ އޮޑިޓް ރިޕޯޓަށް އަމަލުނުކުރުމުން ކަމަށް މިހާރުގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އޮޑިޓު ރިޕޯޓުން އެނގެން އޮންނަ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އަދި އެ މަގާމުގައި ހުންނަވައިގެން ބިޝާމް ހިޔާނާތާ ގުޅޭ އޮޑިޓް ރިޕޯޓަށް އަމަލުނުކުރައްވާ ކަމަށާއި، ދައުލަތުގެ ވަޒީފާ އަކަށް އޭނާ ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި އަދި ރިޔާސީ ލޯންޗްކޮޅު ގޮވައި މިހުރިހާ ކަމެއް ނިމުނު ފަހުން ކަމަށް އާޒިމާ ވިދާޅުވިއެވެ.
މީގެއިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބިޝާމްގެ ބައިވެރިވުމެއް އޮތް ކަމަށާއި އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ނިންމި ސިޔާސީ ބޮޑެތި ނިންމުންތަކުގައި ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރައްވާ އާޒިމާ ވަނީ އޭނާގެ މައްސަލަ ބިޝާމަށް ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
އަދި އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށްވެސް ތަކުރާރުކޮށް މިއަދުގެ އަޑުއެހުމުގައި އާޒިމާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ދައުލަތުން ބުނީ މިއީ ބިޝާމްގެ މަސްލަހަތު އޮތް މައްސަލައެއް ނޫން ކަމަށާއި، އާޒިމާ ދައްކާ ވާހަކަތަކުގައި އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔުމާ މެދު ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެކަން އިއުލާން ކުރަމުންނެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 9 ގައެވެ.