Last Updated: August 20, 05:53
Wednesday, August 20, 2025
ޚަބަރު

އަމީން ވަކިކުރުމާ ގުޅޭގޮތުން އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއް

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ފަށައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މިނިސްޓަރ އަމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް މިއަދު އެމް.ޑީ.ޕީ ޕާލަމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް އެބައޮތް ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބައްދަލުވުން މިހާރު ދަނީ ކުރިއަށެވެ.

"އަމީންގެ މައްޗަށް ގަލޮޅު ދެކުނުގެ އިތުބާރެއް ނެތް" މީކާއިލް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ފަށާފައިމިވަނީ، ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނިންމާފައިވަނިކޮށެވެ. ޕީޖީ އޮފީހުން އެގޮތަށް ނިންމީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެއެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގު ނިމެންދެން އަމީން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ވަޑައިގެން ހުންނެވިއިރު، އެ މަގާމު ވަގުތީ ގޮތުން މިހާރު އަދާކުރައްވަމުން ގެންދަވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.