Last Updated: August 24, 06:11
Sunday, August 24, 2025
ޚަބަރު

އޭސީސީގެ ފަސް މެމްބަރުން ވަކިކުރަން ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ފޮޓޯ / ސަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަސް މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެ ކޮމިޓީ އަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

ހަސަންޓޭ ވިދާޅުވީ މެމްބަރުން ވަކިކުރަން ހުށަހެޅުވީ މިހާތަނަށް އެ މެމްބަރުން އެ ކޮމިޝަނަށް ހޮވުމަށްފަހު ވައްކަމާއި އަދި އެހެން އެތައް މައްސަލައެއް ފުނިޖެހިފައިވާއިރު ވެސް އެ މައްސަލަތަަކަށް އެކަށީގެންވާ ހައްލެއް ލިބިފައި އަދި އެކަށީގެންވާ މަސައްކަތެއް އެކަމުގައި ކުރެވިފައި ނުވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ އެމައްސަލައާ މެދު މަޝްވަރާ ކުރުމަށް މާދަމާގެ ކޮމިޓީގެ ބައްދަލުވުމަށް ތާވަލު ކުރައްވާނެ ކަމަށެވެ.

ހަސަންޓޭ މި މައްސަލަ ހުށަހަޅާފައިމިވަނީ ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ދައުވާނުކޮށް އަނބުރާ ފޮނުވާލަން ޕީޖީ އޮފީހުން ނިންމިއިރު، އޭސީސީން މައްސަލަތަކުގައި ކުރާ ތަހުގީގުތަކާ މެދު އެމްޑީޕީގެ މެމްބަރުން މީގެކުރިން ވެސް ވަނީ ސުވާލު އުފައްދާފައެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓައި، ކުދިކުދި މައްސަލަތައް އޭސީސީން ބަލަމުންދާތީ ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އޭސީސީން ބުނީ އެމްއެމްޕީއާރްސީގެ މައްސަލަ އަކީ ދައުލަތުގެ އެކި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރާ މައްސަލައެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ނިމޭނެ ތާރީހެއް ހަމައެކަނި އޭސީސީ އަށް ނުބެނެވޭނެ ކަމަށް ބުނެފައެވެ.