Last Updated: August 18, 23:01
Monday, August 18, 2025
ޚަބަރު

ސަރުކާރުން ބޮޑުތަނުން ރައްޔިތުންނަށް ހިޔާނާތްތެރިވެއްޖެ: ޖަމީލު

މި ސަރުކާރު ބޮޑުތަނުން ރައްޔިތުންނަށް ހިޔާނާތް ތެރިވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން ޚިޔާނާތްތެރި ވެފައިވާ ކަމަށާއި އެމީހަކަށް ފެނުނު ގޮތަކަށް މިހާރު އުޅެންވީ ކަމަށެވެ.

"ވައްކަން ކުރިޔަސް، ލޫޓުވިޔަސް، ސަރުކާރަށް ނިޞްބަތްވާނަމަ ރަނގަޅު. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. ބޭނުންވީމާ ކިތަންމެ ހަނިކޮށްވިޔަސް ދަޢުވާކުރެވޭ. މުޑުދާރު ވެރިކަމެއް ގާއިމްވީ" ޖަމީލު ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރަން ފޮނުވުމުން ޕީޖީ އޮފީހުން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ހެކި ނެތުމުންނެވެ.

ޕީޖީ ހުސެއިން ޝަމީމު މިއަދު ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ގޯހެއް ހަދާފައިވާކަން އެނގުނު ނަމަވެސް، ކޯޓަކަށް މައްސަލައެއް ވެއްދޭނީ ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވެގެން ކަމަށެވެ. އަދި މީގެކުރިން ދައުވާ ކުރަން ފޮނުވުމުގެ ކުރިން އޭސީސީން ދުރާލައި ޕީޖީ އޮފީހާއި މަޝްވަރާ ކުރާ ކަމަށާއި ނަމަވެސް މި މައްސަލައިގައި އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުގެ މި ނިންމުމާ ގުޅިގެން އޭސީސީން ކުރާ ތަހުގީގުތަކުގެ ފެންވަރާއި މެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން މިހާރު ވަނީ ކަމާގުޅޭ ކޮމިޓީ އަށް ހުށަހަޅާފައެވެ.