Last Updated: August 18, 23:01
Monday, August 18, 2025
ޚަބަރު

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ފާހެއް ނުވި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާހެއް ނުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ އެއްކޮޅަށް ވޯޓު ދެއްވީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 31 މެމްބަރުންނެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ބޭއްވީ ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެލްތު މިނިސްޓަރު އަމީން އާއެކު 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނިންމާފައިވަނިކޮށެވެ. ޕީޖީ އޮފީހުން އެގޮތަށް ނިންމީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެއެވެ.

ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގު ނިމެންދެން އަމީން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ވަޑައިގެން ހުންނެވިއިރު، އެ މަގާމު ވަގުތީ ގޮތުން މިހާރު އަދާކުރައްވަމުން ގެންދަވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.