Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

އެމްޑީޕީގެ ފިކުރަކީ ކޮރަޕްޝަނާ ދެކޮޅުވުން: ހަސަން

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް

ައެމްޑީޕީގެ ފިކުރަކީ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅުވުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ހަސަންގެ ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ އަދި ވިސްނުމަކީ ވެސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުވުން ކަމަށާއި އެއީ ޕާޓީގެ ތޮބިއްޔަތެއް ކަމަށެވެ. އަދި އޭނާގެ އިތުބާރު އަމީނަށް މިހާރު ނެތް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިމިވަނީ، އޭނާގެ އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށެވެ. އަމީން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދީ 24 މެމްބަރުންގެ ސޮޔާއެކުއެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުން ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭތީއެވެ. އެގޮތުން މިކަމުގެ ޒިންމާ އަމީން ނަންގަވަންޖެހޭނެ ކަމަށާއި މިއީ ރައްޔިތުންގެ ކުރިމަތީގައި އަމީންގެ އިތުބާރު ގެއްލި، މަޖިލީހުގެ އިތުބާރު ވެސް ގެއްލިގެން ގޮސްފައިވާ ކަމެއް ކަމަށް މަޖިލީހަށް ވެއްދި މައްސަލައިގައި ބުނެފައިވެއެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ.