Last Updated: May 8, 02:23
Wednesday, May 8, 2024
ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ހެކި ނުހޯދުނީ އޭސީސީގެ ނާގާބިލުކަމުން: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް - ފޮޓޯ: މަޖިލިސް

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލާގައި ގޯސްތަކެއް ހަދާފައިވާކަމުގެ ހެކިތައް ނުހޯދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނާގާބިލުކަމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިމިވަނީ ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލުމުންނެވެ.

އެ މައްސަލަ އަނބުރާ ފޮނުވާލިއިރު، އެމްޑީޕީން މިހާރު ވަނީ މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. މި މައްސަލަ މަޖިލީހަށް ވެއްދީ 24 މެމްބަރުންގެ ސޮޔާއެކުއެވެ.

އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ އެ މައްސަލައިގައި ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނުހޯދުނީ ތަހުގީގީ އިދާރާއެއްގެ ނާގާބިލުކަމުން ކަމަށެވެ. ނަމަވެސް ސާފުކޮށް އިނގޭ މިންވަރަށް ކަންކަން ހިނގުމުން ރައްޔިތުންގެ އިތުބާރު ގެއްލޭކަށް ހެކިތަކެއް ބޭނުން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު، މިއަދު ވަނީ އޭސީސީގެ ފަސް މެމްބަރުން މަގާމުން ވަކިކުރަން ފެށުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވެސް ހުށަހަޅާފައެވެ. އެ މައްސަލައާ މެދު ގޮތެއް ނިންމުން އޮންނާނީ އެ ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގައެވެ.

އޭސީސީން ކުރާ ތަހުގީގުތަކުގެ ފެންވަރާއި މެދު މީގެކުރިން ވެސް އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް އެ ކޮމިޝަނަށް ފާޑުކިޔާފައެވެ.