ގެސްޓްހައުސްތައް އަލުން ހުޅުވިފަހުން މިހާތަނަށް ކ.މާފުއްޓަށް 102 ޓޫރިސްޓުން އަތުވެއްޖެއެވެ.
މާފުށި ކައުންސިލުގެ ރައީސް އުސްމާން ރަޝީދު މިއަދު ވިދާޅުވީ މާފުށި އަލުން ލޯކަލް ޓޫރިޒަމަށް ހުޅުވިތާ ހަ ދުވަސް ވީއިރު ޖުމްލަ ޓޫރިސްޓުންގެ އަދަދު 102 އަށް އަރާފައިވާ ކަމަށެވެ. އަދި ގެސްޓްހައުސްތައް ހުޅުވުމާއެކު މާފުއްޓަށް ހަގީގީ އުފާވެރިކަން ލިބެމުންދާ ކަމަށްވެސް އުސްމާން ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ހަތަރު އަތޮޅަކުން ނުވަ ރަށެއްގައި ހިންގާ 29 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.
އެ ރަށްތަކަކީ ނ. ފޮއްދޫ އާއި ކ. ހުރާ އާއި ކ. މާފުށި އާއި ކ. ގުރައިދޫ އާއި އއ. މަތިވެރި އާއި އއ.އުކުޅަސް އާއި އއ. ތޮއްޑޫ އާއި ވ.ތިނަދޫގެ އިތުރުން ވ. ފުލިދޫއެވެ.
މާފުއްޓަކީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ފުޅާކޮށް ކުރާ އެއް ރަށް ކަމަށްވާއިރު، ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ވެސް މިހާރު ހުރީ މާފުށީގައެވެ.
ކާނި ގްރޫޕްގެ ފަރާތުން މާފުށީގައި ހުޅުވި، އެ ގެސްޓްހައުސްގައި 106 އެނދު ހުރެއެވެ. 12 ބުރީގެ މި ގެސްޓް ހައުސް އަކީ ކާނި ގްރޫޕްގެ ފަރާތުން ހުޅުވި ފަސްވަނަ ގެސްޓްހައުސް އެވެ.