Last Updated: August 18, 23:01
Monday, August 18, 2025
ޚަބަރު

ބައެއް އަރަބި ގައުމުތަކުގެ ސަފީރުންނާ ޝާހިދު ބައްދަލުކުރައްވައިފި

ޢަރަބި ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނަން-ރެޒިޑެންޓް ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިއަދު ބައްދަލުކުރައްވާފައިވަނީ އުރުދުން، ކުވައިތު، ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އޮމާންއަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާއެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތާއި ބެހޭ މައުލޫމާތު، ވަޒީރު ވަނީ ސަފީރުންނާއި ހިއްސާކުރައްވައި، އެޤައުމުތަކުގެ ޙާލަތާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުމަށް އެޤައުމުތަކަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މިފަދަ ދެވަނަ ބައްދަލުވުން ކަމަށެވެ.

އެގޮތުން ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކުވެސް މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ.