އަންނަ މަހު ސަރުކާރާ ދެކޮޅަށް މަގުމަތީގެ ހަރަކާތްތައް ފަށާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ މިއަދު ދިވެހި ދައުލަތުގެ ބާރު އޮތީ އެހެން ގައުމެއްގެ އަތް މަތީގައި ކަމަށާއި އެގޮތުން އިދިކޮޅުން ކުރަމުން އަންނަނީ ބޮޑުތަކުރުފާނު ކުރެއްވި ފަދަ ޖިހާދެއް ކަމަށެވެ. އަދި މިކަމުން ސަލާމަތް ވެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން މަގުތަކަށް ނިކުތުން ކަމަށާއި އަންނަ މަހު އެކަން ފަށާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަންނަ މަހު ނިކުންނަން މިފަށަނީ. ދެނެއް މައިތިރިއެއް ނުކުރެވޭނެ" ޝުޖާއު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވައްކަން ކުރައްވާފައި ނުހުރެވޭނެ ކަމަށާއި ރައްޔިތުންގެ މާލިއްޔާ ހުސްކޮށްލުމުގެ އިތުރުން ސަރުކާރުން މަނީ ލޯންޑަރިން ކުރަން ވެސް ފަށާފައިވާ ކަމަށްވެސް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައެވެ.
އަދި މި ސަރުކާރަކީ ވައްކަން ކުރިޔަސް ރަން ތާޖު ދޭ ސަރުކާރެއް ކަމަށާއި މިކަންކަން ބަލަހައްޓައިގެން ނުތިބޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން އަންނަ މަހަކީ ބޮޑު މަހެއް ކަމަށާއި ރައްޔިތުން ތައްޔާރަށް ތިބުމަށްވެސް ޝުޖާއު ވަނީ ގޮވާލާފައެވެ.
މަގުމަތީގެ ހަރަކާތްތައް އަންނަ މަހު ފަށާނެ ކަމަށް ޝުޖާއު ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.