Last Updated: August 18, 23:01
Monday, August 18, 2025
ޚަބަރު

ރަކީދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 58 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 50 ޕަސެންޓު މިހާރު ވަނީ ނިމިފައެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާއަށް ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ރަކީދޫ ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 156 މީޓަރު ދިގު ބޭރު ތޮށްޓަކާއި، 164 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލާނެއެވެ. 74 މީޓަރުގެ ރިވެޓްމަންޓް ޖަހާ، ބަނދަރާއި އިންވެންގެން 429 އަކަ މީޓަރުގެ ޕޭވްމަންޓް މަގެއްވެސް ހަދާނެއެވެ.