ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރިފައި ވޭތޯ ބެލުމަށްޓަކައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ރަށުގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް ރެޔާއި މިއަދު ވެސް ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޭނުންވާ ކަމަށްވެސް ބުންޏެވެ.
މިވަގުތު ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު އުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހާއްސަ ގޮތެއްގައި ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި، ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަކީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ސިޓީގެ ޕޮލިސް ކްލަސްޓަރ އާއި ގުޅިގެން އެންމެ ފަހުން ނެގުނު 93 ސާމްޕަލް ނެގެޓިވް ވެފައި ވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި އެންމެންގެ ސާމްޕަލްވެސް މިހާރު ވަނީ ނަގާފައެވެ.
ކުޅުދުއްފުށިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހާއްސަ ޓީމެއް އެ ރަށަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.