Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޔައުގޫބުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަނީ

ދާންދޫ ދާއިރާއިގެ މެމްބަރު ޔައުގޫބު އަބްދުﷲ - ފޮޓޯ: މަޖިލިސް

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. މި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ.

ޔައުގޫބުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިމިވަނީ ރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. ގާނޫނީ ވަކީލުން މިކަން ފާހަގަކުރަން ފެށުމާއެކު ޔައުގޫބު ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.

ހަލީމް ވަނީ މީގެކުރިން ވެސް މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އޭރު އޭނާ ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މިހާރު ލީޑަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒުގެ ގޮނޑީގެ މައްސަލައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އެ ދެ ބޭފުޅުންގެ ވެސް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ.