Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ވެންޓިލޭޓަރު ކޮރަޕްޝަންގެ ބައިވެރިންނަށް އަދަބު ލިބެންދެން ފާރަވެރިވާނެ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ---- ފޮޓޯ/ މަޖިލިސް

ކޮވިޑު-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ހަވާލުކުރި މައްސަލައިގެ ކޮރަޕްޝަންގެ މައްސަލަ ކޮޅެއްގައި ޖެހެންދެން ރައްޔިތުންގެ މަޖިލީހުން ފާރަވެރިވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ އަނބުރާލާފައެވެ.

އަމީންގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް އޭނާ ވަނީ ރޭގެ ވަގުތެއްގައި މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލީ ހެކި ނެތް ކަމަށް ބުނެ ކަމަށާއި މިކަމުގައި އޭސީސީ އާއި ޕީޖީ އޮފީހާއި ދެމެދު ހިލާފުތަކެއް އުފެދިފައިވާތީ މި މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ވެންޓިލޭޓަރު ގަތުމުގެ ކޮރަޕްޝަނުގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި، އެ ފަރާތްތަކަށް ހައްގު އަދަބު ދެވި އަދި ދައުލަތަށް ގެއްލުންވީ ފައިސާ ހޯދުމުގެ މަސައްކަތް ނިމެންދެން މަޖިލީހުން އެކަމުގައި ފާރަވެރިކަމާއެކީގައި އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއީ ގާނޫނު އަސާސީން މަޖިލީހާއި ހަވާލުކޮށްފައިވާ ފުޅާ މަސައްކަތެއް ކަމަށާއި، އަދި އެއީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ފުޅާ މަސައްކަތެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަސައްކަތަކީ މެމްބަރުން މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ރައްޔިތުންގެ ކައިރީގައި ބުނި ވާހަކަތަކުގެ އަސާސް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކޮށް އަނބުރާ އެ މައްސަލަ ޕީޖީ އޮފީހުން ފޮނުވާލުމުން އޭސީސީން ކުރާ ތަހުގީގުތަކުގެ ފެންވަރާއި މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އޭސީސީގެ ފަސް މެމްބަރުން މަގާމުން ވަކިކުރަން ފެށުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އިއްޔެ ވަނީ ހުށަހަޅާފައެވެ. އެ މައްސަލައާ މެދު ގޮތެއް ނިންމުން އޮންނާނީ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.